ރައީސަށް ދިން ނޯޓުކޮޅާއެކު ފަހިކޮށްދިނީ ބައްޕައާ ބައްދަލުކުރުމުގެ ފުރުސަތު

އާޔަލް، އޭނާގެ ބައްޕައާއެކު ރައީސް ޑރ. މުއިއްޒު ކައިރީގައި --- ފޮޓޯ/ރައީސް އޮފީސް

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ތދަތުރުފުޅުގެ ތެރެއިން ގއ. ކަނޑުހުޅުދޫއަށް ވަޑައިގެން ރައްޔިތުންނާއި ސުވާލުކުރަމުން ދަނިކޮށް ތިން އަހަރު އާޔަލް ބިން އަލީ ސައީދު ރައީސަށް ދިއްކޮށްލީ ނޯޓެކެވެ.

އެ ނޯޓުގައި އޭނާގެ ބައްޕަ މަތިން ހަނދާންވާކަމަށް ވަނީ ޖަހާފައެވެ. އެ ނޯޓު ފެނުމާއި އެކު ރައީސް ވަނީ އޭނާގެ ބައްޕަ އެ ރަށަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފައެވެ.

އެ ކުޑަ ކުއްޖާގެ ބައްޕަ ފެނުމުން ދުވެލާފައި ގޮސް ބައްޕަގެ ގައިގައި ބައްދާލާ ވީޑިއޯއެއް ވެސް ވަނީ ސޯސަލް މީޑިއާގައި ދައުރުވެފައެވެ.

ބައްޕަ ފެނުމުން އަޔާލް ދުވެލާފައި ގޮސް ބައްޕަގެ ގައިގައި ބައްދާލައެވެ. އަޔާލް ބައްދާލުމުން އޭނާގެ ބައްޕަ ވަނީ އޭނާ އުރާލާ ލޮލުން އޮހޮރުނު އުފާވެރިކަމުގެ ކަރުނަ ފޮހެލާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަޔާލްގެ ބައްޕަ ސާޖެންޓް އަލީ ސައީދު ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުވުމަށް މަސައްކަތް މަސައްކަތް ކުރާތާ ވަނީ ދެ އަހަރު ވެފައެވެ. އާއިލާއާއި ބައްދަލުކުރަމުން އައީ ކޮންމެ މަހަކު އެއްފަހަރު ފުލުހުންނަށް ލިބޭ 72 ގަޑީރުގެ އޮފްގައެވެ.

އާންމުންގެ ސަމާލުކަމަށް އައި މި ވީޑިއޯއާއި ގުޅުވައި ފުލުހުންގެ ތަރުޖަމާނު ހެޑް އޮފް ސާވިސް ޑިވެލޮޕްމެންޓް ޑިރެކްޓްރޭޓް އަހުމަދު ޝިފާން ވިދާޅުވީ އެ ޚިދުމަތުގެ މުވައްޒަފުންނާމެދު ޢަމަލުކުރަމުންދާ އުސޫލުތަކާ ތަފާތު ގޮތަކަށް ޢަމަލުކޮށްފައިނުވާނެ ކަމަށެވެ.

ރައީސް ބޭނުންފުޅުވީ ރައީސް އެ ރަށުން ފުރާވަޑައިގަތުމުގެ ކުރިން ވާންއޮތްކަމެއްނަމަ ބައްޕައާއި ކުއްޖާ ބައްދަލުވާނެ ފުރުސަތު އޮތްތޯ ބެއްލެވުމަށް ކަމަށް ޝިފާން ވިދާޅުވިއެވެ.

އެގޮތުން ތުއްތު ކުއްޖާގެ ބައްޕަ ހުރީ ކައިރި ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގައިކަމުން އެ ވަގުތަށް އެކަން އެ މުއައްސަސާއިން ހަމަޖައްސައިދިނީ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް