ޖާގައިގެ ދަތިކަމަށް ހައްލެއް ނުލިބި އޮތް ގދ. ނަޑެއްލާ ބަނދަރު ތަރައްގީކުރުމަށްޓަކައި ކޮންޓްރެކްޓަރެއް ހޯދުމަށް މި މަސްތެރޭގައި އިއުލާނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅު ދެކުނުބުރިއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ނަޑެއްލާއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ އެމަނިކުފާނު ވިދާޅުވީ، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ހާސިލުކުރުމަށް ސަރުކާރުން ފަރުވާތެރިކަމާއެކު މަސައްކަތްތައް ކޮށްދެއްވާނެ ކަމަށެވެ.
އެގޮތުން ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށުގެ ބަނދަރުގެ މައްސަލަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ރަށުގެ ބަނދަރަކީ ތަރައްގީއަށް ބަލާއިރު އެއްގޮތަކަށް ވެސް ބޭނުންކުރެވޭނެ ބަނދަރެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
މި ޖެނުއަރީ މަހުގެ ތެރޭގަ އިރާދަކުރެއްވިއްޔާ ތިބޭފުޅުން ތި ބޭނުންވެލައްވާ ކަހަލަ އާ ބަނދަރެއް ހެދުމަށް އަޅުގަނޑު އިއުލާނު ކުރާނަން ކޮންޓްރެކްޓަރެއް ހޯދަން. މިހާރު ފާސްކޮށްފަ އޮތް ބަޖެޓުގެ ތެރެއިން މި ރަށަށް އެންމެ އިސްކަމެއް ދޭނީ އާ ބަނދަރެއް ހަދައިދިނުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު
އެ މަޝްރޫއަށް އިއުލާނުކޮށް ކޮންޓްރެކްޓަރެއް ލިބޭ ހިސާބުން އަމަލީ މަސައްކަތް ފަށައި ވަރަށް އަވަހަށް ބަނދަރުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަޝްރޫއާއެކު ރަށަށް އުދަ އެރުމާއި، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސަށް މަރުހަބާ ކިޔުމަށް ނަޑެއްލާގެ ރައްޔިތުން -- ފޮޓޯ/ ރައީސް އޮފީސް
އޭރުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ރަށަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގަ އިތުރުކުރުމާއި، ޒުވާނުންގެ މަރުކަޒާއި، ވޮލީ ކޯޓު ތަރައްގީކުރުމުގެ އިތުރުން ނަޑެއްލާއަށް އާ މިސްކިތެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އެ ހުރިހާ ކަންކަމަށް ވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ނަޑެއްލާ ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސް ނަޑެއްލާއަށް ޒިޔާރާތްކުރައްވާ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެ ރަށުގައި އޭޓީއެމްއެއް ބަހައްޓަން ވަނީ ސޮއިކޮށްފައެވެ. އެގޮތުން ނަޑެއްލާ ކައުންސިލާއި ގައުމީ ބޭންކު، ބީއެމްއެލްއާ ދެމެދު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ނަޑެއްލާގައި އޭޓީއެމްއެއް ބެހެއްޓުމަށް ބީއެމްއެލްއާއެކު ސޮއިކުރަނީ -- ފޮޓޯ/ ރައީސް އޮފީސް
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ރައީސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ހުވަދުއަތޮޅު ދެކުނުބުރިން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫއަށެވެ. ހުވަދުއަތޮޅު އުތުރުބުރީން އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހެވެ.