އިމިގްރޭޝަން ވޮޗަށް ރިޕޯޓުކުރި 1،000 އަށްވުރެ ގިނަ މައްސަލަ ބަލައިފި

އިމިގްރޭޝަނުން ބިދޭސީންތަކެއް ގެންދަނީ: ބިދޭސީންގެ މައްސަލަ ރިޕޯޓުކުރަން ހެދި އިމިގްރޭޝަން ވޮޗަށް 1،000 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައި -- ފޮޓޯ/ އިމިގްރޭޝަން

ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ހުޅުވާލި "އިމިގްރޭޝަން ވޮޗް"އަށް ހުށަހެޅިގެން 1،000 އަށްވުރެ ގިނަ މައްސަލަ މިހާތަނަށް ބަލައި ނިންމާފައިވާނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

"އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހެވެ.

އިމިގްރޭޝަނުން ބުނީ، ޕޯޓަލް އިފުތިތާހުކުރި ދުވަހުން ފެށިގެން މިދިޔަ މަހާ ހަމައަށް، ޕޯޓަލްއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 1،061 މައްސަލަ ބަލާފައިވާނެ ކަމަށެވެ. އޭގެ ކުރީ މަހާ ހަމައަށް 1،017 މައްސަލަ އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ހުށަހަޅާފައިވާ ބައެއް މައްސަލަތައް:

  • ވޯކް ވިސާއާ ގުޅޭ 239 މައްސަލަ
  • ހަށިވިއްކުމުގެ 65 މައްސަލަ
  • ވަޒީފާއަށް ފިލުމުގެ 41 މައްސަލަ
  • ޓޫރިސްޓް ވިސާއާ ޚިލާފުވި 14 މައްސަލަ
  • އެމްޕްލޯޔަ ސްޕޮންސާއާ ޚިލާފުވި 12 މައްސަލަ
  • ވިސާގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރި 12 މައްސަލަ
  • އެކި ބާވަތުގެ ކުށް ކުރުމުގެ 11 މައްސަލަ
  • މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުމުގެ 10 މައްސަލަ
  • އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ބޭނުންކުރަމުން އައި 8 ތަނެއްގެ މައްސަލަ
  • ހިއުމަން ޓްރެފިކިންގެ 7 މައްސަލަ،
  • ބްލެކްމާކެޓުގައި ބޭރު ފައިސާ މާރުކުރުމުގެ 7 މައްސަލަ
  • ޤާނޫނާއި ގަވައިދާއި ޚިލާފަށް ވިޔަފާރިކުރާ 239 މައްސަލަތައްކަމަ

ޤަވާއިދާ ޚިލާފަށް ރާޢްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން، އަތޮޅުތަކަށް ފުޅާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ކޮންޓްރޯލަރް ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ޝަމްޢާން ވިދާޅުވެފައިވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން ފެއްޓެވި ޚާއްސަ އޮޕަރޭޝަނަކީ މި މައްސަލަ ޙައްލުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ޝަމްޢާން ފާހަގަކުރެއްވިއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް