'ކިލް'އަށް ފަހު ލަކްޝްޔައަށް ހަންސަލްގެ ތްރިލާއެއް

އެކްޓަރު ލަކްޝަޔަ އަދި ޑައިރެކްޓަރު ހަންސަލް މެހެތާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ދަރުމާ ކުންފުނިން ބޮލީވުޑަށް ތައާރަފުކުރި އެކްޓަރު ލަކްޝްޔާއަށް ކުޅަދާނަ ފިލްމު ޑައިރެކްޓަރު ހަންސަލް މެހެތާގެ އެކްޝަން ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.

ޑައިރެކްޓަރު ހަންސަލް މެހެތާ ފާހަގަކުރެވިފައިވަނީ ވަރަށް ތަފާތު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ފިލްމު އުފައްދާ ޑައިރެކްޓަރެއްގެ ގޮތުގައެވެ. ނަމަވެސް، މި ފަހަރު އޭނާ ތައްޔާރުވަނީ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް އުފެއްދުމަށެވެ.

މި ފިލްމުގެ ލީޑް ރޯލް ޒުވާން އެކްޓަރު ލަކްޝްޔާއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު މިއީ ފިލްމު "ކިލް"އަށް ފަހު ލަކްޝްޔާއަށް ފުރުސަތު ލިބުނު ފުރަތަމަ އެކްޝަން ފިލްމެވެ.

ލަކްޝްޔަ ފިލްމު "ކިލް"ގެ މަންޒަރެއްގައި--ފޮޓޯ/ޕީޕިންގްމޫން

ލަކްޝްޔަ އިންޑަސްޓްރީއަށް ތައާރަފުވި ފިލްމު "ކިލް" ފާހަގަ ކުރެވިފައިވަނީ ވަރަށް އަނިޔާވެރި ތަޅާފޮޅުންތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެއްގެ ގޮތުގައެވެ. ފިލްމުގައި ލަކްޝްޔަ ދެއްކި އެކްޓިން ހުނަރަށް ގިނަ ބައެއްގެ ތައުރީފު ލިބުނުއިރު މި ފިލްމަށް ހޮލީވުޑް ރިމޭކްއެއް އުފައްދަން ވެސް ވަނީ ނިންމާފައެވެ.

ލަކްޝަޔައަށް ދަރުމާގެ އިތުރު އެކްޝަން ފިލްމެއް ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވީ ނަމަވެސް އެކަން ދަރުމާއިން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، ޒުވާން އެކްޓަރު އަންނަނީ ދަރުމާއިން އުފައްދާ ލޯބީގެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް މިހާތަނަށް އުފައްދާފައިވާ ހަންސަލް މެހެތާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދީފައިވަނީ 2023 ވަނަ އަހަރު ރިލީޒްކުރި ކްރައިމް ތުރިލާ "ދަ ބަކިންގްހަމް މާޑާސް"އެވެ.

މި ފިލްމުގެ ބަތަލާގެ ރޯލް ކުޅެފައިވަނީ ކަރީނާ ކަޕޫރުއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން ލަކްޝްޔަ ހިމަނައިގެން އުފައްދާ ހަންސަލްގެ ފިލްމަށް އިތުރު ކާސްޓުން ހަމަޖެހުނުހާ އަވަހަކަށް ފިލްމު އިއުލާނުކުރާ ގޮތަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް