އެއާކްރާފްޓްތަކުގެ ސަލާމަތީ މިންގަނޑުތައް ވަރުގަދަކޮށް އިތުރަށް ހަރުދަނާކުރުމަށްޓަކައި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް ބޭނުންކުރާ "އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަންސް" ގެ ބޮޑީއެއް ރާއްޖޭގައި އުފައްދަން ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެއަކީ ސީޕްލޭންފަދަ ތަފާތު އެކި ކަހަލަ އެއާކްރާފްޓްތައް އޮޕަރޭޓްކުރާ ގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ އެތެރެއާއު ބޭރުގެ ދަތުރުތައް ކުރުމަށް ވެސް ބައިވަރު އޮޕަރޭޝަންތައް ހިންގާ ގައުމެއް ކަމަށް އަމީން ވިދާޅުވިއެވެ.
އެހެންކަމުން އެއާކްރާފްޓްތަކުގެ ސަލާމަތީ މިންގަނޑުތައް ރާއްޖޭގައި ހަރުދަނާކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.
އެގޮތުން ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް ކުރާ ފަދައިން ރާއްޖޭގައި "އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަންސް" ތަންފީޒުކުރުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ރައީސް އޮފީހުގައި އޮތް ވިޒިޓާ އިކޮނޮމީ ކައުންސިލްގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެންމެ މުހިންމުކޮށް ކުރަންޖެހޭ އެއް ކަމަކީ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަންސް. އެއީ މިހާރުވެސް ސިވިލް އޭވިއޭޝަނުން ބޭރުކޮށްފަ އިތުރު ބޮޑީއެއް އުފެއްދުން. އެއީ އެހެން ގައުމުތަކުގަ ވެސް އެކަން އޮންނަ ގޮތް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
އަމީން ވިދާޅުވީ ސިވިލް އޭވިއޭޝަންގެ ބޭރުން އިތުރު ބޮޑީއެއް އުފެއްދޭނީ ރައީސުލްޖުމްޙޫރިއްޔާގެ ގަރާރަކުން ކަމަށެވެ. އެހެންކަމުން މިމަސް ނިމުމުގެ ކުރިން ކެބިނެޓަށް އެފަދަ ބޮޑީއެއް އުފައްދަން ހުށަހަޅުއްވާނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި މި މަސް ނިމުމުގެ ކުރިން ކެބިނެޓުން ގޮތެއް ނިންމޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެއާކްރާފްޓް އިންވެސްޓިގޭޝަންސް ކޮމިޓީއެއް ނުވަތަ ބިއުރޯއެއް ނުވަތަ މޯލްޑިވިއަން އެކްސިޑެންޓް އިންވެސްޓިގޭޝަންގެ ނަމުގައި ބޮޑީއެއް އުފެއްދުން ކަމަށް އަމީން ވިދާޅުވިއެވެ.
ރާއްޖެއަކީ ނިސްބަތުން ކުޑަ ގައުމެއް ނަމަވެސް ދުނިޔޭގެ އެހެނިހެން މަންޒިލްތަކަށް ގިނަ ދަތުރުތަކެއް ކުރާ ގައުމެކެވެ. އަދި ގިނަ އެއާކްރާފްޓްތަކެއް އޮޕަރޭޓްކުރާ ގައުމެއްވެސްމެއެވެ.
މަދުން ނަމަވެސް މޫސުމީ ކާރިސާތަކުގައި އެއާކްރާފްޓްތަކަށް ގެއްލުންވެ، ބައެއް އެކްސިޑެންޓުތައް ހިނގުމަކީ މިހާތަނަށް ހިނގާފައި ހުރި ކަމެކެވެ. އެހެންކަމުން ސަލާމަތީ މިންގަނޑުތައް ހަރުދަނާކުރުމަކީ މުހިންމު ކަމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ގައުމީ އެއާލައިން، މޯލްޑިވިއަނުން ވަނީ އެއާބަސް އޭ330 އެއާކްރާފްޓު ގެނެސްފައެވެ. އެއާއެކު ރާއްޖެއިން ޔޫރަޕަށާއި ޗައިނާއަށް ސީދާ ދަތުރުތައް މުޅިން އަލަށް ފަށާނެއެވެ.