މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ރޯއި ކަޕޫރުގެ ފިލްމުގެ ކުންފުނި ރޯއި ކަޕޫރު ފިލްމްސްއާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ ފިލްމު "ދޭވާ"ގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި ފިލްމުގެ ޕޯސްޓަރު ރިލީޒްކުރިތާ މާ ގިނަ ދުވަހެއްނުވެ, ފިލްމުގެ ޓީޒާ ރިލީޒްކުރިއިރު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ޓީޒާއިން ފެންނަ ޝާހިދުގެ އާދަޔާ ޚިލާފު ނެށުމެވެ.
ޝާހިދަށް ސަޕޯޓުކުރާ ގިނަ ބަޔަކު ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ ހަފުލާގައި އެ ތަނަށް އެއްވެ ތިބި މީހުންނަށް ވެސް ޝާހިދު ވަނީ އެކްޓަރުގެ ނެށުމުގެ ހުނަރު ދައްކާލާފައެވެ. އެއާއެކު އެ ހަފުލާގެ ފޯރި އިތުރުވެ އެކްޓަރުގެ ނެށުމުގެ ހުނަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ޝާހިދު އަދި ބަތަލާ ޕޫޖާ ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރާ އެކު--ފޮޓޯ/ޕިންކްވިލާ
ޝާހިދު ކަޕޫރު ފުލުހެއްގެ ރޯލް ކުޅެފައިވާ މި ފިލްމަކީ މި އަހަރު ރިލީޒްކުރަން ތާވަލު ކުރެވިފައިވާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމެވެ. މި މަހުގެ 31 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ފިލްމުން ޝާހިދާ އެކު ބަތަލާގެ ރޯލުން ފެންނާނީ ޕޫޖާ ހެގްޅޭއެވެ. މިއީ ޝާހިދާ އެކު ޕޫޖާ ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.
މި ފިލްމުގައި ޝާހިދު ފެންނާނީ ހިންދީ ސިނަމާގެ ލެޖެންޑު އެކްޓަރު އަމީތާބް ބައްޗަންގެ ލެގަސީ މި ޒަމާނާ ގުޅޭގޮތަށް ދަމަހައްޓަން މަސައްކަތް އެކްޓަރެއްގެ ގޮތުގައެވެ. އެގޮތުން، އަމީތާބްގެ ޒުވާން ދުވަސްވަރު ރިލީޒްކުރި އެކްޝަން ފިލްމުތަކުގައި ފެންނަ މަންޒަރުތަކާ ދާދި އެއްކަހަލަ ސީންތައް "ދޭވާ"އިން ބެލުންތެރިން ތަޖުރިބާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޝާހިދުގެ އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ ބަތަލާ ކްރިތީ ސެނޮންއާ އެކު ކުޅުނު ލޯބީގެ ފިލްމު "ތޭރީ ބާތޯ މެ އޭސަ އުލްޖާ ޖިއާ"އެވެ.