ހައުސިން މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޯދަން މި މަހު އިއުލާނު ކުރާނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ އަތޮޅު ތެރޭގެ ހައުސިން މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޯދަން މި މަހު އިއުލާނު ކުރާނެ ކަމަށް -- ފޮޓޯ ރައީސް އޮފީސް

އަތޮޅުތެރޭގެ ރަށްތަކުގެ ރައްޔިތުންނަށް ވައުދުވެ ވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޯދަން، މި ހިނގާ ޖެނުއަރީގައި އިއުލާންކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ކ. ގުޅިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު: މި އަހަރު ރައްޔިތުންނަށް މުއްސަނދިކަން އިހްސާސްކޮށްދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިޔަށްދާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވެފައިވަނީ މާލެ ފިޔަވައި، ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކަށް އެ މަނިކުފާނު ވެ ވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމުގެ ވައުދުތައް ފުއްދުމަށް، މި މަހުގެ ތެރޭގައި ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

"ފެށިގެން މިދިޔަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއް. 2025އަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް އިރާދަ ކުރެއްވިއްޔާ ހަދާނަން... ހުރިހާ ދިމާލެއްގައި އަޅުގަނޑު ވައުދުވެފައި ހުރި، [މާލެ ފިޔަވައި] ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މި މަސް ތެރޭ ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރިޔަށްދާނެ," ރައީސް ވިދާޅުވިއެވެ.

އެ ގޮތުން ކޮންޓްރެކްޓަރުންނަށް މަސައްކަތް ހަވާލުކުރެވޭ ތަރުތީބުން ރަށްރަށުގެ ބޯހިޔާކަމުގެ މަޝްރޫއުތައް މި އަހަރު ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، ބިން ހިއްކައި، ޖާގަ އިތުރުކުރެވިފައި ހުރި ރަށްރަށުގައި ވެސް، ކުރިޔަށް އޮތް އަހަރުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ކ. ގުޅީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"މި އަހަރަކީ އިރާދަކުރެއްވިއްޔާ ތަރައްގީގެ އަމަލީ އަހަރު. އެކި ދާއިރާތަކުން ތަރައްގީގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ އަމަލީ ގޮތުން ކުރިޔަށްގެންދާނެ އަހަރު. ޚާއްސަ ގޮތެއްގައި ގެދޮރުވެރިކަމުގެ ދާއިރާއިން" ރައީސް ވިދާޅުވިއެވެ.

ޖުމްލަގޮތެއްގައި ހުރިހާ ދާއިރާތަކުން ތަރައްގީގެ މަޝްރޫއުތައް އަމަލީ ގޮތުން މި އަހަރުގެ ތެރޭގައި ފެށިގެންގޮސް، ރައްޔިތުންނަށް އެ ކަމުގެ ހެވާއި ލާބަ، ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަހަރަކީ މުއްސަނދިކަން ރައްޔިތުންނަށް އިހްސާސްކޮށްދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި، ބާރު ދުވެލީގައި ކުރިޔަށް ދާނެ އަހަރެކެވެ.

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންމެ ފުރަތަމަ ބަޖެޓު ތަންފީޒުކުރަން ފަށާފައިވަނީ މި އަހަރުގައެވެ. އެ ބަޖެޓަކީ ގެދޮރުވެރިކަމުގެ "ރަންޒަމާނެއް" ގެނުވާނެ ބަޖެޓެއްގެ ގޮތުގައި ރައީސް މީގެ ކުރިން ވަނީ ސިފަ ކުރައްވައިފައެވެ. އަދި މި އަހަރު ވެގެންދާނީ، ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫއުތައް ކުރިޔަށްދާނޭ އަހަރަށް ކަމަށް ވިދާޅުވެ، ތަކުރާރުކޮށް ރައީސް ގެންދަވަނީ އެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ހުސްވި 2024ވަނަ އަހަރު ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިނގާފައިނުވާތީ، އެ ކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ގެންދިޔައީ ފާޅުކުރަމުންނެވެ.

ސަރުކާރުން ބުނީ ހުސްވި އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ނުގެންދެވުނީ އެކަށީގެންވާ ވަރަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނެތުމުން ކަމަށެވެ.

މިދިޔަ 2024ވަނަ އަހަރަށް، މިދިޔަ މަޖިލީހުން ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ އިތުރަށް ޚަރަދުކުރާނެ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވެސް މި ސަރުކާރުގައި ފާސްކުރިއެވެ.

comment ކޮމެންޓް