ފުލުހުންގެ ކާރުން ޖެހި ހިނގި އެކްސިޑެންޓް ފެނުނު މީހަކު ހޯދަނީ

ފުލުސް ކާރަކުން ޖެހި ހިނގި އެކްސިޑެންޓު: ފުލުހުންގެ ކާރު ޖެހި ހިނގި އެކްސިޑެންޓް ފެނުން މީހަކު ހޯދަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

މިދިޔަ މަހު 27 ގެ 01:45 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓް ހިނގި މަންޒަރު ފެނުނު މީހެއް ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުން ވަނީ އެކްސިޑެންޓު ހިނގި މަންޒަރު ފެނުނު މީހަކު ހުރިނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރަން އެދިފައެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި 18 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސްވުމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، އައިޖީއެމްއެޗަށް ވަނީ ބަދަލުކުރެވިފައެވެ. އެ ޒުވާނާއަށް އަދިވެސް ދަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ސައިކަލު ދުއްވީ، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާ ޚިލާފުވެގެން މި މަހުގެ 21 ގައި ލައިސެންސް ހިފަހައްޓާފައިވާ މީހެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެކަމަކު، އާއިލާއިން ވަނީ ފުލުހުން ކުރި ތުހުމަތުތައް ދޮގުކޮށްފައެވެ.

ފުލުހުން ވަނީ އެފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ވަސީލަތްތަކަކާ އެކު މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

comment ކޮމެންޓް