ބޮލީވުޑްގެ މަގުބޫލު ބަތަލާ ކަރީނާ ކަޕޫރު ޚާންގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ޚާން އަކީ އިންޑިއާގެ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ އެއް ސްޓާ ކިޑްއެވެ.
މި ފެށުނު އާ އަހަރުގެ މުނާސަބާ ފާހަގަކުރުމަށް ކަރީނާ އާއި ސައިފް ދެ ކުދިންނާ އެކު ސުވިޒަލޭންޑްގައި ހޭދަކުރި ދުވަސްތަކުގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު ކަރީނާ އެންމެ ފަހުން ހިއްސާކުރި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
އާއްމުންގެ ސަމާލުކަމާ އެއްވަރަށް ވަރަށް ގިނަ ބަޔަކު ވަނީ ތައިމޫރަށް ތައުރީފުކޮށްފައެވެ. މި ފޮޓޯއިން ފެންނަނީ ތައިމޫރުގެ މަންމަ ބަތަލާ ކަރީނާ ކަޕޫރު އަރައިގެން ހުރި އުސް ފައިވާނު އަތުން ހިފައިގެން ހިނގާލާފައި ދާ މަންޒަރެވެ.
ކަރީނާގެ އިންސްޓަގްރާމްގައި ހިއްސާކުރި މި ފޮޓޯގެ ކެޕްޝަންގައި ބަތަލާ ބުނެފައި ވަނީ އާ އަހަރު ފެށުނީ މަންމައަށް ޚިދުމަތް ކުރަމުން ކަމަށާއި މި އަހަރުގެ ބާކީ އޮތް ދުވަސްތައް ވެސް މިގޮތުގައި އަބަދުގެ އަބަދަށް ހޭދަވާނެ ކަމުގައެވެ.
ބެލެވޭ ގޮތުގައި މި ފޮޓޯއިން ތައިމޫރު ފެންނަނީ އާއިލާއާ އެކު އާ އަހަރުގެ މުނާސަބާ ފާހަގަކުރުމަށްފަހު އެނބުރި އެ މީހުން ތިބި ހޮޓަލުގެ ހޯލްތެރޭގައި ހުންނަ މަންޒަރެވެ. މަންމައަށް އެހީތެރިވުމުގެ ގޮތުން ތައިމޫރު ބޭނުންވީ ބަތަލާ އަރައިގެން ހުރި އުސް ފައިވާން ހިފަހައްޓައިގެން ހުރެ ފަޔަށް އަރާމު ހޯދައި ދިނުމަށް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.
އެކްޓަރު ސައިފް އަލީ ޚާން އަކީ އިންޑިއާގެ މަޝްހޫރު ޝާހީ އާއިލާ ޕަތައުޑީ އާއިލާއަށް ނިސްބަތްވާ މީހަކަށް ވެފައި ކުދިންގެ ކިބައިން ވެސް ފެންނަނީ އެފަދަ ޝާހީ ސިފަތައް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ތައިމޫރަށް ތައުރީފުކޮށްފައެވެ. މި ފޮޓޯތައް ހިއްސާ ކުރަމުން ކަރީނާ ބުނެފައި ވަނީ މިފަދަ އިތުރު ފޮޓޯތައް ވަރަށް އަވަހަށް ސަޕޯޓަރުންނާ ހިއްސާ ކުރާނެ ކަމަށެވެ.