އިންޑިއާގެ ޓެލެވިޒަން ބަތަލާ ސަންޖީދާ ޝައިހް ބޭނުންވަނީ ދިރިއުޅުމަށް ހަމަހިމޭންކަމާއި އަމާންކަން ގެނެސްދޭނެ ކަހަލަ ބައިވެރިއެއް ކަމަށާއި އެފަދަ ބައިވެރިއަކަށް އިންތިޒާރުކުރާ ކަމަށް ބަތަލާ ބުނެފިއެވެ.
ސަންޖީދާއާއި ޓީވީ އެކްޓަރު އާމިރު އަލީގެ އަލަތު ކައިވެނި ރޫޅުނުތާ ތިން އަހަރުވެފައިވާއިރު ލޯތްބަކީ އަދިވެސް ކާމިޔާބުކޮށް, ހޯދިދާނެ އެއްޗެއް ކަމަށް ގަބޫލުކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. 'ނިވްސް18'އަށް ދިން އިންޓަވިއުއެއްގައި ސަންޖީދާ ބުނެފައިވަނީ ކޮންމެ މީހަކީ ވެސް އެ މީހަކަށް ހިތްހަމެޖުހުން ގެނެސްދީ ދިރިއުޅުމަށް ހަމަހިމޭންކަން ގެނެސްދޭނެ ބައިވެރިއަކު ބޭނުންވާނެ މީހެއް ކަމަށާއި އަލުން ދިރިއުޅުމުގައި ލޯބީގެ ކުލަ ޖެހުމަކީ އޭނާގެ އުންމީދެއް ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދެ ތަރިން ކައިވެނިކުރީ 2012 ވަނަ އަހަރެވެ. ދެ މީހުންގެ އަށް އަހަރުވީ ކައިވެނި ރޫޅުނުއިރު ސަންޖީދާއާއި އާމިރަށް ވަނީ ސަރޮގޭސީ މެދުވެރިކޮށް އަންހެން ކުއްޖަކު ލިބިފައެވެ. ދެ މީހުންގެ ވަކިވުމަށް ފަހު ދަރިފުޅު އައިރާ އަލީ ދިރިއުޅެމުން އަންނަނީ ސަންޖީދާއާ އެކުގައެވެ.
ސަންޖީދާގެ އަލަތު ކައިވެނި ނާކާމިޔާބުވުމާ ގުޅިގެން ބަތަލާ ބުނެފައިވަނީ ދިރިއުޅުމުގައި ދިމާވާ ނާކާމިޔާބީއާ މެދު ކަންބޮޑުވެ، ޝަކުވާކުރުމަކީ އޭނާގެ މިޒާޖުގައި ހުންނަ ކަމެއް ނޫން ކަމަށެވެ. އަމިއްލަ ދިރިއުޅުމުގެ މުހިންމު ނިންމުންތައް މިހާތަނަށް ނިންމާފައިވަނީ އެއްވެސް ބައެއްގެ ނުފޫޒެއް ނެތި ކަމަށާއި އެ ކަމާ މެދު ފަޚުރުވެރިވާ ކަމަށް ސަންޖީދާ ވަނީ ބުނެފައެވެ.
ޓެލެވިޒަން ޑްރާމާތަކުން ބޮޑު މަގުބޫލުކަމެއް ލިބުނު ބަތަލާ މި ފަހުން ވަނީ ބައެއް ފިލްމުތަކުންނާއި ވެބް ސީރީޒްތަކުން ވެސް ފެނިފައެވެ. އޭގެ ތެރޭގައި ކުޅަދާނަ ޑައިރެކްޓަރު ސަންޖޭލީލާ ބަންސާލީގެ އަލަތު ވެބް ސީރީޒް "ހީރާމަންޑީ" އަދި މިދިޔަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު "ފައިޓާ" ހިމެނެއެވެ.