ހުވާކުރެއްވުމުގެ ކުރިން ޓްރަމްޕްގެ މައްޗަށް އަދަބު ކަނޑައަޅަނީ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕް. ޓްރަމްޕްގެ މައްޗަށް ސާބިތުވެފައިވާ ކުށަށް ހުކުމް އިއްވުން މި މަހުގެ 10 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި. ފޮޓޯ/ރޮއިޓާސް

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ސާބިތުވެފައިވާ ޖިނާއީ ކުށުގެ ހުކުމް އިއްވުން މި މަހުގެ 10 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ހުކުމް އިއްވަން ތާވަލުކުރި ނަމަވެސް ނިއުޔޯކުގެ ފަނޑިޔާރު ޚުއާން މާޗަން ވަނީ ޓްރަމްޕަށް ޖަލު ހުކުމެއް ނުކުރައްވާނެކަމުގެ އިޝާރާތެއް ދެއްވާފައެވެ.

ޓްރަމްޕް ވަނީ ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީގެ ބޭނުން ހިއްޕަވައިގެން އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވާ މައްސަލަ ބާތިލުކުރަން މަސައްކަތް ކުރައްވާފައެވެ. އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ހުކުމް އިއްވުން ކުރިއަށް ދިއުމަށް ގާޒީ ނިންމެވުމުން އެ ކަމަށް ފާޑުކިޔައި މައްސަލަ ވަގުތުން ބާތިލުކުރަން ޖެހޭ ކަމަށް ބުނެފައެވެ.

"ރައީސް ޓްރަމްޕަށް ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމާއި ރިޔާސީ ދައުރުގެ މުހިންމު ވާޖިބުތައް އަދާކުރުމުގެ ހުއްދަ ދޭން ޖެހޭނީ އެއްވެސް ހުރަހެއް ނެތި،" ޓްރަމްޕްގެ ތަރުޖަމާނު ސްޓީވަން ޗެއުންގް ވިދާޅުވިއެވެ.

މި މައްސަލައާ ދެކޮޅަށް އެންމެ ފަހުން ހުށަހެޅުއްވި މައްސަލައިގައި ޓްރަމްޕް ވަނީ އެ މައްސަލައިގެ ސަބަބުން ވެރިކަން ކުރުމުގެ ގާބިލުކަމަށް ހުރަސް އެޅޭނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވެރިކަމުގެ ހުވާކުރައްވަން ހަމަޖެހިފައިވަނީ މި މަހު 20 ގައެވެ.

ނަމަވެސް، ޓްރަމްޕްގެ އެ މައްސަލަ ހައްލު ކުރުމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 2029 ވަނަ އަހަރު ޓްރަމްޕްގެ ރިޔާސީ ދައުރު ނިމެންދެން ހުކުމް އިއްވުން ފަސްކުރުމާއި ޖަލު ހުކުމެއް ނާންނަ ގޮތަށް ހުކުމެއް އިއްވުން ހިމެނޭ ކަމަށްވެސް ފަނޑިޔާރު މާޗަން ވިދާޅުވެފައިވެއެވެ.

ޓްރަމްޕް، ބަރަހަނާ ފިލްމުކުޅޭ އަންހެނަކާ އެކު ހިންގި ކަމަށް ބުނާ ނަހަމަ ގުޅުމުގެ ވާހަކަ ސިއްރުކުރުމަށް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭ ފައިސާ ދީ، އެ ފައިސާގެ އަސްލު އޮޅުވާލަން ވިޔަފާރީގެ ރެކޯޑްތައް ބަދަލުކުރި ކަމަށް ޖޫރީއަކުން ނިންމުމުން ޓްރަމްޕްގެ މައްޗަށް ކުށުގެ 34 ދައުވާއެއް ސާބިތުވެފައި ވަނީ މިދިޔަ މެއި މަހެވެ.

ޓްރަމްޕް ވަނީ އެއީ 2024 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް ހުރަސް އެޅުމަށް ފެންމަތި ކުރި މައްސަލައެއް ކަމަށް ވިދާޅުވެ، އެ ދައުވާތަކަށް އިންކާރުކުރައްވާފައެވެ.

ޓްރަމްޕް ވެފައިވަނީ ޖިނާއީ ކުށެއް ސާބިތުވެފައިވަނިކޮށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ކެންޑިޑޭޓަށެވެ.

comment ކޮމެންޓް