މާލޭގެ މަގުތަކުގެ ހާލަތު ބަލަން ވަޒީރު މަގުތަކަށް

ވިއްސާރައިގައި މާލޭގެ މަގުތަކުގެ ފެންބޮޑުވުމުގެ ސަބަބުން، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން، މަގުމަތީގެ ހާލަތު ބައްލަވައިލައްވަނީ -- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ

މިހާރު ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން މަގުމަތީގެ ހާލަތު ބެއްލެވުމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަގުމައްޗަށް ނިކުމެވަޑައިގެންފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތުގައި މިނިސްޓަރު އަމީން އަދި މިނިސްޓްރީގެ މުވައްޒަފުން ޢަމަލީގޮތުން ހަރަކާތްތެރިވެލައްވަމުން ގެންދަވާ ކަމަށެވެ.

މާލެއަށް ބޯކޮށް ވާރޭވެހި، މުޅި މާލެވަނީ ފެނުއަޑީގައެވެ.

މަގުތަކުގައި އެއްކޮށް ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިންދަނީ މާލޭގެ ހަ ސަރަހައްދެއްގައި 16 ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި މާލެ ސިޓީ ކައުންސިލާ ގުޅިގެން ފެންބޮޑުވެފައިވާ މަގުތަކުގައި ހުރި ގެތަކާއި ފިހާރަތަކަށް ފެން ނުވަންނާނޭހެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދެއެވެ.

މި ވިއްސާރައިގައި މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކަށް ވެސް ފެންބޮޑުވެ، އަދި އުދައެރުމުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ވަމުންދާތީ، އެމްއެންޑީއެފުން އެ ރަށްތަކުގައި ވެސް ހަރަކާތްތެރިވަމުން އެބަދެއެވެ.

https://sun.mv/200971

މިހާރު ކުރަމުން މިދާ ވިއްސާރައިގެ މައުލޫމާތު ދެމުން މެޓު އޮފީހުން ބުނީ، ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޯމައިގައި ކަމަށެވެ.

މޫސުން ގޯސްވުމާ ގުޅިގެން މެޓު އޮފީހުން މެދު ރާއްޖެތެރެއަށް މިއަދު 15:00އިން 19:00އަށް ނެރުނު އޮރެންޖު އެލާޓު މިހާރު ވަނީ މިރޭ 23:00އާ ހަމައަށް ދިގުދަންމާލާފައެވެ.

މެޓުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށް ބުނެފައެވެ.

އިރުއުތުރާއި އިރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު، ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން މި ދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެ ކަމަށް ބުނެފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ ފަސް ފޫޓާއި އަށް ފޫޓާ ދެމެދުގައެވެ.

އަދި ދިޔަވަަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިފައެވެ.

comment ކޮމެންޓް