ކުރިއަށް އޮތީ ބޯ ވާރޭ: ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖު ސަމާލު ނެރެފި

ވިއްސާރަވެ މާލޭގައި ފެންބޮޑުވެފައި: ފެން ބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖު ސަމާލު ވަނީ ނެރެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު އޮރެންޖު ސަމާލު ނެރެފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ އެކު އިއްޔެ ވަނީ އިރުވައި މޫސުން ފެށިފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފައިވާ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ހެނދުނުން ފެށިގެން މާލެއަށް ވެސް އަންނަނީ ވިއްސާރަކުރަމުންނެވެ.

އޮރެންޖު ސަމާލު ނެރެފައިވަނީ މިރޭގެ 7:00 އާ ހަމައަށެވެ.

އާންމު ގޮތެއްގައި ވެސް ދެ މޫސުން ބެދޭ ދުވަސްވަރު ރާއްޖެއަށް ވިއްސާރަކުރެއެވެ. އެކަމަކު، މި ފަހަރު އިރުވައި މޫސުން ފެށުނީ އާންމު ގޮތެއްގައި އިރުވައި މޫސުން ފެށޭ ވަރަށްވުރެ ލަހުންނެވެ.

އާންމު ގޮތެއްގައި އިރުވައި މޫސުން އޮންނަނީ ޖެނުއަރީ މަހުން ފެށިގެން މާޗު މަހާ ހަމައަށެވެ. ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް މިއަދު ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ. ރީނދޫ ސަމާލު ނެރުނީ 3:00 އާ ހަމައަށެވެ.

https://sun.mv/200957

ފާހަގަކޮށްލެވޭ ގޮތުގައި ރޭ އުދައެރުމުގެ ސަބަބުން ވެސް ބައެއް ރަށްރަށަށް ވަނީ ގެއްލުންވެފައެވެ. އެގޮތުން، ށ. ނަރުދޫއަށް ވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ވިއްސާރައާއި އުދައިގެ ސަބަބުން ހަ ރަށެއްގައި ފެންބޮޑުވެ، ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

comment ކޮމެންޓް