'ޕުޝްޕާ2' އަށް 24 ދުވަހުން 200 މިލިއަން ޑޮލަރު

ފިލްމު "ޕުޝްޕާ 2"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ

މިދިޔަ ޑިސެމްބަރު މަހު ސިނަމާތަކުގައި ރިލީޒްކުރި ތެލުގޫ ފިލްމު "ޕުޝްޕާ 2"އަށް މިހާތަނަށް ލިބުނު އާމްދަނީގެ އަދަދު 200 މިލިއަން ޑޮލަރަށް ވުރެ އިތުރުވުމާ ގުޅިގެން މި ފިލްމަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީ ހޯދި އިންޑިއާގެ ފިލްމުގެ ގޮތުގައި ނިންމައިފިއެވެ.

ފޯބްސްގައި މި ކަމާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޑައިރެކްޓަރު ސުކުމާރުގެ ފިލްމު "ޕުޝްޕާ 2"އަށް މިހާތަނަށް ލިބުނު އާމްދަނީގެ އަދަދު 205 މިލިއަން ޑޮލަރަށް އަރާފައިވާއިރު މިއީ އެންމެ 24 ދުވަހުން ފިލްމަށް ހޯދުނު އާމްދަނީގެ އަދަދެވެ.

ހަމައެކަނި އެމެރިކާ މާކެޓުން ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 15 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައިވާ ކަމަށް ވެސް މި ރިޕޯޓުގައިވަނީ ބުނެފައެވެ.

ތެލުގޫ އެކްޓަރު އައްލޫ އަރުޖުން އަދި ސައުތު ސިނަމާގެ މަގުބޫލު ބަތަލާ ރަޝްމިކާ މުހިއްމު ރޯލެއް ކުޅެފައިވާ މި ފިލްމަކީ މުޅި އެކު 58 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. މި ތަރިންގެ އިތުރުން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި އެކްޓަރަކީ ފިލްމުގައި ފުލުހެއްގެ ރޯލް ކުޅުނު ފަހަދު ފާސިލެވެ.

"ޕުޝްޕާ 2"ގެ މަންޒަރެއްގައި އެ ފިލްމުގެ މުހިއްމު ރޯލް ކުޅުނު އެކްޓަރު ފަހަދު ފާސިލް--ފޮޓޯ/ޕިންކްވިލާ

މަޅަޔާލަމް އަދި ތަމަޅަ ފިލްމުތަކުން އާއްމުކޮށް ފެންނަ ފަހަދު ފާސިލަކީ ކުޅަދާނަ ފިލްމު ޕްރޮޑިއުސަރެއް ވެސް މެއެވެ. ފިލްމު "ޕުޝްޕާ 2" ސިނަމާތަކުގައި ރިލީޒްކުރުމުގެ އެޑްވާންސްކޮށް ޓިކެޓް ވިއްކައިގެން ވެސް މި ފިލްމަށް ވަނީ 10 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

މީގެ ކުރިން ސައުތު ސިނަމާގެ މަގުބޫލު ފިލްމުތައް ކަމަށްވާ "އާރްއާރްއާރް" އަދި "ކަލްކީ"ފަދަ ފިލްމުތަކުން ބޮކްސް އޮފީހުގައި ޤާއިމުކުރި ރެކޯޑުތައް ފިލްމު "ޕުޝްޕާ 2"އިން ވަނީ އަތުލާފައެވެ. އޭގެ ތެރޭގައި ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރިކޯޑު ހިމެނެއެވެ.

comment ކޮމެންޓް