އިސްރާއީލުން ޣައްޒާއަށް ދިން ވަކިވަކި ހަމަލާތަކުގައި އަލް ޖަޒީރާގެ ނޫސްވެރިއެއް ހިމެނޭ ގޮތަށް ދެ ނޫސްވެރިން ޝަހީދުކޮށްލައިފިއެވެ.
އަލް ޖަޒީރާ މުބާޝަރުގައި މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ ހުސާމް ޝަހީދުކޮށްލާފައި ވަނީ ހޯމަ ދުވަހު ޣައްޒާގެ އުތުރުންނެވެ. މަންޒަރު ދުށް މީހުން އަލް ޖަޒީރާއަށް ކިޔައިދިން ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ ބައިތް ލަހިއްޔާގައި ދުއްވާފައި ދިޔަ އޭނާގެ ކާރަށެވެ.
ހުސާމްގެ އިތުރުން، ފަލަސްތީން ޓުޑޭ ޓީވީގައި މަސައްކަތް ކުރާ މުހައްމަދު މަންސޫރު ނަމަކަށް ކިޔާ ނޫސްވެރިއަކު ވެސް އިސްރާއީލުން ޝަހީދުކޮށްލާފައިވާ ކަމަށް އެ ޓީވީން ބުންޏެވެ.
އިސްރާއީލުން މީގެކުރިން ޣައްޒާއަށް ދިން ހަމަލާއެއްގައި ހުސާމަށް ވަނީ އަނިޔާވެސް ވެފައެވެ. ނަމަވެސް މަސައްކަތް ހުއްޓާލަން އޭނާ ބޭނުންނުވީ ކަމަށް އަލް ޖަޒީރާއިން ބުނެއެވެ.
ޝަހީދުކޮށްލުމުގެ ކުރިން ހުސާމު އެކްސްގައި ކޮށްފައިވާ އެންމެ ފަހު ޕޯސްޓުގައި ބުނީ "މި މެސެޖް ކިޔާނަމަ، އޭގެ މާނައަކީ އިސްރާއީލުން އަހަރެން މަރާލައިފިއޭ." އަދި ވޭތުވެދިޔަ 18 މަސް ދުވަހު އޭނާ ވާނީ ޣައްޒާއިން ފެންނަ ބިރުވެރި މަންޒަރުތައް ކޮންމެ މިނެޓަކުން ދުނިޔެއަށް ދައްކާފައި ކަމަށާއި ޕޭވްމަންޓް މަތީގައާއި ޓެންޓުތަކުގައި އަދި އެފަހަރަކު ޖެހުނު ކޮންމެ ތަނެއްގައި ނިދައިގެން ބަނޑުހައިހޫނުކަންމަތީގައިވެސް މަސައްކަތްކުރީ އޭނާގެ މީހުންނާ އެއްކޮޅަށް ކަމަށް ހުސާމް ބުނެފައިވެއެވެ.
އެ ދެ ނޫސްވެރިން ޝަހިދުކޮށްލުމާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަރުވި މީޑިއާ މަސައްކަތްތެރިންގެ އަދަދު 208 އަށް އަރާފައިވާ ކަމަށް ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީސް (ޖީއެމްއޯ) އިން ބުނެއެވެ.
ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ޖީއެމްއޯ އިން އިސްރާއީލުން ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތައް ކުށްވެރިކޮށްފައެވެ. ޣައްޒާގައި ފަލަސްތީނުގެ ނޫސްވެރިންނާއި މީޑިއާ ޕްރޮފެޝަނަލުންނާ ދެކޮޅަށް ހިންގާ ނިޒާމީ ޖަރީމާތައް ކުށްވެރި ކުރުމަށް ނޫސްވެރިންނާ އެއްކޮޅަށް ވަކާލާތުކުރާ ޖަމާއަތްތަކަށް ގޮވާލާ ކަމަށްވެސް ޖީއެމްއޯ އިން ބުނެއެވެ.
comment ގުލް
3 day 31 minutes ago
މީ އެމެރިކާ ނޫސްވެރި އެއްނަމަ ވަގުތުން ހަނގުރާމަ ފަށާނެ.