ދުނިޔޭގެ އާބާދީ 8.09 ބިލިއަނަށް އަރައިފި

ދުނިޔޭގެ އާބާދީ 8.09 ބިލިއަނަށް އަރައިފި. ފޮޓޯ/ގެޓީ

ދެހާސް ފަންސަވީސް ވަނަ އަހަރު ފެށިފައިވާއިރު، ދުނިޔޭގެ އާބާދީ 8.09 ބިލިއަނަށް އިތުރުވެއްޖެ ކަމަށް އެމެރިކާގެ ބޯހިމެނުމާބެހޭ އިދާރާއިން ލަފާކޮށްފިއެވެ.

ނިމިދިޔަ އަހަރު އެކަނިވެސް ދުނިޔޭގެ އާބާދީއަށް 71 މިލިއަން މީހުން އިތުރުވެފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް 2023 ވަނަ އަހަރާއި އަޅާބަލާއިރު، 2024 ވަނަ އަހަރުގެ އާބާދީވީ މަދެވެ. އެގޮތުން 2023 ވަނަ އަހަރު ދުނިޔޭގެ އާބާދީއަށް 75 މިލިއަން މީހުން އިތުރުވިއެވެ.

އަންދާޒާތަކުން ދައްކާގޮތުގައި މި ހިނގާ ޖެނުއަރީ މަހުގެ ކޮންމެ ސިކުންތަކު 4.2 ކުދިން ދުނިޔެއަށް އުފަންވާނެއެވެ. އަދި ކޮންމެ ސިކުންތަކު 2.0 މީހުން މަރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެމެރިކާއަށް 2024 ވަނަ އަހަރު 2.6 މިލިއަން މީހުން އިތުރުވެފައިވާއިރު، އިއްޔެގެ ނިޔަލަށް އެ ގައުމުގެ އާބާދީ 341 މިލިއަނަށް އަރާނެ ކަމަށްވެސް ބޯހިމެނުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެމެރިކާގައި މި އަހަރުގެ ޖެނުއަރީ މަހު ކޮންމެ ނުވަ ސިކުންތަކުން ކުއްޖަކު އުފަންވާނެ ކަމަށް ލަފާކޮށްފައިވާއިރު ކޮންމެ 9.4 ސިކުންތަކުން މީހަކު މަރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ހިޖުރަކުރުމުގެ ސަބަބުން އެމެރިކާގެ އާބާދީއަށް ކޮންމެ 23.2 ސިކުންތަކުން އެކަކު އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އުފަންވުމާއި މަރުވުމާއި ހިޖުރަތައް އެއްކޮށްލުމުން އެމެރިކާގެ އާބާދީއަށް ކޮންމެ 21.2 ސިކުންތަކުން މީހަކު އިތުރުވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ދުނިޔޭގެ އާބާދީ ދުވަހު އެމެރިކާއިން ނެރުނު އެހެން ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުން ދުނިޔޭގެ އާބާދީ 2080 ގެ ނިޔަލަށް ގާތްގަޑަކަށް 10.3 ބިލިއަނަށް އަރާނެއެވެ. އަދި އޭގެފަހުން ގަރުނު ނިމެންވާއިރު، ދުނިޔޭގެ އާބާދީ 10.2 ބިލިއަނަށް މަދުވާނެ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ލަފާކޮށްފައެވެ.

ދުނިޔޭގެ އާބާދީ ވަނީ ފާއިތުވި 75 އަހަރު ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އާބާދީ ވަނީ އަށް ބިލިއަނަށް އަރާފައެވެ. އޭގެފަހުން 2.5 އިންސައްތަ އިތުރުވެ، 8.2 ބިލިއަނަށް އެރިއެވެ. ދުނިޔޭގެ އާބާދީ މިހާރު ވަނީ 1950 ވަނަ އަހަރު ހުރި އަދަދަށްވުރެ ތިން ގުނަ އިތުރުވެފައެވެ.

ދުނިޔޭގައި އާބާދީ އެންމެ ބޮޑު ތިން ގައުމަކީ އިންޑިއާ، ޗައިނާ އަދި އެމެރިކާއެވެ.

comment ކޮމެންޓް