ކިއުބާގެ ރިވޮލޫޝަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސަށް، ރައީސް މުއިއްޒު ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކިއުބާގެ ރިވޮލޫޝަން ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އެ ޤައުމުގެ ރައީސް މިގޭލް ޑިއާޒް ކެނެލް ބާމުޑޭޒް އަށާއި ކިއުބާގެ ބޮޑު ވަޒީރު މެނުއެލް މަރޭރޯ ކްރޫޒްއަށް ފޮނުއްވައިފިއެވެ.

ރައީސް ވަނީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސްޖުގައި، ކިއުބާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާ އިޚުލާސްތެރި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

އަދި ރައީސް ވަނީ ކިއުބާގެ ރައީސާއި ބޮޑުވަޒީރު، ފުރިހަމަ ޞިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ވަނީ ހާމަކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަސް ކިއުބާގައި ފާހަގަކުރަނީ ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އިސްވެ ހުންނަވައި ގެންނެވި އިންޤިލާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެނިވާސަރީ އޮފް ދަ ރިވޮލޫޝަން ގެ ގޮތުގައެވެ.

ދިވެހިރާއްޖެ އާއި ކިއުބާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 29 ޖަނަވަރީ 1977 ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް