ހަންގޭރީން ދޭ 25 ސްކޮލާޝިޕަަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ބެޗްލާސް ޑިގްރީގެ އަށް ޕްރޮގްރާމާއި، މާސްޓާސްގެ 14 ފުރުސަތުގެ އިތުރުން ޕީއެޗްޑީގެ ތިން ފުރުސަތަށެވެ.
ބެޗްލާސް ޑިގްރީއަށް ހުށަހެޅުމަށް ފުރިހަމަ ވާން ޖެހޭ ޝަރުތުތައް:
- ޖީސީއީ އޯލެވެލް ނުވަތަ އައިޖީސީއެސްސީ ނުވަތަ އެސްއެސްސީ އިމްތިޙާނުގެ ފަސް މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން
- ޖީސީއީ އޭލެވެލް ތިން މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން
- ފަސް މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކޮށްފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ.
ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް
ށ.IELTS އިން އޯވަރޯލް ސްކޯ 6.5 އިން ފެށިގެން މަތި
ނ.TOEFL 550 އިން ފެށިގެން މަތި.
- ޖީސީއީ އޯލެވެލް ނުވަތަ އައިޖީސީއެސްސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑް
މީގެ އިތުރުން ޔުނިވަރސިޓީގެ ބެޗެލާސް ޑިގްރީގެ ކޯސްތަކުގެ އެންޓްރީ ރިކުއަމެންޓް އެ މިނިސްޓްރީން ދީފައިވާ ރިކުއަމެންޓާއި ތަފާތުނަމަ އެ މިނިސްޓްރީން ބަލާނީ ޔުނިވާސީޓީގެ އެންޓްރީ ރިކުއަމަންޓަށް ކަމަށް ވަނީ ބުނެފައެވެ.
އަދި އެ މިނިސްޓްރީން ދީފައިވާ އެންޓްރީ ރިކުއަމެންޓާއި ޔުނިވާސިޓީގެ އެންޓްރީ ރިކުއަމެންޓް ތަފާތުނަމަ އެ ޔުނިވާސިޓީއެއްގެ އެންޓްރީ ރިކުއަރްމެންޓް ހުށަހަޅަން ވާނެ ކަމަށް ބުންޏެވެ.
މާސްޓާސް ޑިގްރީއަށް ހުށަހެޅުމަށް ފުރިހަމަ ވާން ޖެހޭ ސަރުތުތައް:
- ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވުން.
ޕީއެޗްޑީއަށް ހުށަހެޅުމަށް ފުރިހަމަ ވާން ޖެހޭ ސަރުތުތައް:
- ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުން.
މި ސްކޮލާޝިޕަށް ހުށަހެޅުމުގެ ފުރުސަތު 15 ޖަނަވަރީވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވައިލާފައެވެ.
ހަންގޭރީން ރާއްޖޭގެ ދަރިވަރުންނަށް ދެމުން އަންނަ ސްކޮލަޝިޕްތަކުގެ އަދަދު އިތުރު ކުރުމުގެ ގޮތުން ވީ އެއްބަސްވުމުގެ ދަށުން 25 އަށްވުރެ ގިނަ ސްކޮލަޝިޕްތައް ވަނީ އިތުރުކޮށްފައެވެ.