ދެކުނު ކޮރެއާގެ މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް އާދީއްތަ ދުވަހު ޖެޖޫ އެއާ މަތިންދާ ބޯޓު ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި ޖުމްލަ 179 މީހުން މަރުވެފައިވާއިރު، ހަމަ އެ ދުވަހު އެއާ ކެނެޑާ އެކްޕްރެސްގެ ފްލައިޓެއްގައި ވެސް ޖައްސަން އުޅުމުގެ ތެރޭގައި ވަނީ އަލިފާން ރޯވެފައެވެ.
މި ދެ ހާދިސާއާ އެކު މި މަހު އެކަނި ވެސް މަތިންދާބޯޓު ވެއްޓުމުގެ ބޮޑު ތިން ހާދިސާ ހިނގާފައިވެއެވެ. މި އަހަރަކީ ވައިގެ މަގުން ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގި އަހަރެކެވެ. އެގޮތުން، ފާހަގަކޮށްލެވޭ ބައެއް އެކްސިޑެންޓުތަކަށް ބަލައިލާއިރު:
ދެކުނު ކޮރެއާ
ތައިލެންޑްގެ ބެންކޮކުން ފުރައިގެން މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ޖެޖޫ އެއާގެ އިންޓަނޭޝަނަލް ފްލައިޓް 7C2216 ޑިސެމްބަރު 29 ވަނަ ދުވަހު ވެއްޓުނު ހާދިސާގައި 179 މީހުން ވަނީ މަރުވެފައެވެ. އެ ބޯޓުން 181 މީހަކު ވަނީ ދަތުރުކޮށްފައެވެ.
ކަޒަކިސްތާން
އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ފުރައިގެން ރަޝިޔާގެ ގްރޮޒްނީއަށް ދަތުރުކުރި އެމްބްރޭއާ (އީއެމްބީއާރު3.އެސްއޭ) ގެ ބޯޓެއް މި މަހުގެ 25 ވަނަ ދުވަހު ކަޒަކިސްތާނުގެ އަކްތާއު ސިޓީ ކައިރިއަށް ވެއްޓި 39 މީހުން މަރުވިއެވެ. އެ ހާދިސާގައި ސަލާމަތްވީ 29 މީހުންނެވެ.
ބްރެޒިލް
ބްރެޒިލްގެ ކަސްކަވެލްއިން ފުރައިގެން ސައޯ ޕައުލޯއަށް ދަތުރުކުރި އޭޓީއާރު-72 ޓާބޯޕްރޮޕް ވޮއެޕާސް ރީޖަނަލް ފްލައިޓް 2283 އޮގަސްޓް 11 ވަނަ ދުވަހު ވިންހެޑޯ ޓައުންއަށް ވެއްޓި އެ ފްލައިޓްގައި ތިބި 62 މީހުން މަރުވެފައިވެއެވެ.
ބްރެޒިލްގައި ހިނގި އެހެން ހާދިސާއެއްގައި މި މަހުގެ 22 ވަނަ ދުވަހު އެ ގައުމުގައި ދެކުނުގައި އޮންނަ ޓޫރިސްޓް ސިޓީއެއް ކަމަށްވާ ގްރެމާޑޯއަށް ކުޑަ މަތިންދާ ބޯޓެއް ވެއްޓި 10 މީހުން ވަނީ މަރުވެފައެވެ. އެ ހާދިސާގައި 17 މީހުން ވަނީ ޒަޚަމުވެފައެވެ.
ނޭޕާލް
ނޭޕާލްގެ ސައުރިޔާ އެއާލައިންސްއަށް ނިސްބަތްވާ ކުޑަ ފަސިންޖަރު ބޯޓެއް ކަމަށްވާ ސީއާރުޖޭ-200 މަތިންދާބޯޓެއް ޖުލައި 24 ވަނަ ދުވަހު ކަތުމަންޑޫއިން ޕޮޚާރާ އެއާޕޯޓަށް ފުރަން އުޅެނިކޮށް ވެއްޓި އަލިފާން ރޯވެ، އެ ބޯޓުގައި ތިބި 18 މީހުން މަރުވެފައިވެއެވެ. އެ ހާދިސާގައި ސަލާމަތްވީ ހަމައެކަނި ބޯޓު ދުއްވަންއިން ކެޕްޓަންއެވެ.
މަލާވީ
މަލާވީގެ ނައިބު ރައީސް ސައުލޯސް ކްލައުސް ޗިލީމާއާއި އަނބިކަނބަލުން ޝަނިލް ޑިޒިމްބީރީ ހިމެނޭހެން އިތުރު ނުވަ މީހަކު މަރުވީ ޖޫން މަހުގެ 10 ވަނަ ދުވަހު މަލާވީގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ލިލޮންގްވޭއިން އެ ގައުމުގެ އެމްޒޫޒޫ ސިޓީއަށް ދިޔަ މަގުމަތީގައި އެ ބޭފުޅުން ދަތުރުކުރި އަސްކަރީ މަތިންދާބޯޓު ވެއްޓިގެންނެވެ.
ތައިލޭންޑު
ތައިލެންޑުގެ ވެރި ރަށް ބެންކޮކްގެ ސުވާނަބޫމީން އެއާޕޯޓުން ފުރައިގެން ތައިލޭންޑުގެ އެންމެ ދެކުނުގައި އޮންނަ ޓްރާޓަށް ދަތުރުކުރި ތައި ފްލައިން ސާވިސް ކޯގައި ރަޖިސްޓްރީކޮށްފައިވާ ސެސްނާ ކެރަވަން ސީ208ބީ ޑޮމެސްޓިކް ޗާޓާ ފްލައިޓް، ޓީއެފްޓީ209 އޮގަސްޓް 23 ވަނަ ދުވަހު ބެންކޮކްގެ އިރުދެކުނު 100 ކިލޯމީޓަރު ދުރަށް ވެއްޓި އެ ބޯޓުގައި ތިބި ނުވަ މީހުން މަރުވެފައިވެއެވެ.
އީރާން
އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާއި އިތުރު ހަ ފަސިންޖަރަކާއި ފަޅުވެރިން މަރުވީ މެއި މަހުގެ 19 ވަނަ ދުވަހު އަޒަރުބައިޖާންގެ ބޯޑަރު ކައިރީގައި އޮންނަ ވަރްޒެގަން ސަރަހައްދުގެ ފަރުބަދަ މައްޗަށް ވެއްޓިގެންނެވެ. އެއީ އެމެރިކާގައި އުފައްދާފައިވާ ބެލް 212 ހެލިކޮޕްޓަރެކެވެ.
ޖަޕާން
ޖަޕާން އެއާލައިންސް (ޖޭއޭއެލް) (9201.ޓީ)، ބޯޓު ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ޓޯކިޔޯގެ ހަނޭޑާ އެއާޕޯޓުގެ ރަންވޭގައި ކުޑަ ކޯސްޓް ގާޑް މަތިންދާބޯޓެއްގައި ޖެހި ހިނގި ހާދިސާގައި ބޯޓުގައި ތިބި 379 މީހުން ސަލާމަތްވި ނަމަވެސް ކުޑަ މަތިންދާބޯޓުގައި ތިބި ހަ ފަޅުވެރިންގެ ތެރެއިން ފަސް ފަޅުވެރިން ވަނީ މަރުވެފައެވެ.
ސިންގަޕޫރު
މެއި މަހުގެ 21 ވަނަ ދުވަހު ސިންގަޕޫރު އެއާލައިންސް (އެސްއައިއޭއެލް.އެސްއައި) ގެ ބޯޓެއް ލަންޑަނުން ފުރައިގެން ސިންގަޕޫރަށް ދިޔަ މަގުމަތީގައި ޓާބިއުލެންސެއްގައި (ވައިގެ ފްލޯއަށް އަންނަ ބަދަލާ ގުޅިގެން އުފެދޭ ކުއްލި އަދި ބާރުގަދަ ލޮޅުންތައް) ޖެހި ހިނގި ހާދިސާގައި އެކަކު މަރުވެފައިވެއެވެ. އެ ހާދިސާގައި 30 މީހަކު ވަނީ ޒަޚަމުވެފައެވެ.