ސާރާ ނަތަންޔާހޫގެ މައްޗަށް ތަހުގީގު ހިންގަން އަމުރުކޮށްފި

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އާއި އަނބިކަނބަލުން ސާރާ ނަތަންޔާހޫ (ވ): އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ ސާރާގެ މައްޗަށް ތަހުގީގު ކުރުމަށް އިސްރާއީލުގެ އެޓާނީ ޖެނެރަލް ވަނީ އަމުރުކުރައްވާފައި -- ފޮޓޯ/ރޮއިޓާސް

އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫގެ މައްސަލަ ތަހުގީގުކުރަން އިސްރާއީލުގެ އެޓާނީ ޖެނެރަލް ގާލީ ބަހާރަވް-މިއާރާ އެ ގައުމުގެ ފުލުހުންނަށް އަމުރު ކުރައްވައިފިއެވެ.

އިސްރާއީލުގެ ބަންޑާރަ ނައިބު ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހަފުތާގައި އިސްރާއީލުގެ ޗެނަލް 12 ޓީވީން ދެއްކި އުވްޑާ ޝޯގެ ހޯދުންތަކާ ގުޅޭ ގޮތުން ހެކިންނަށް އުނދަގޫކުރުމާއި އިންސާފަށް ހުރަސް އެޅުމުގެ ޝައްކުކުރެވޭ މައްސަލަތަކުގެ ތަހުގީގެއް ހުޅުވާލަން ޖެހޭ ކަމަށެވެ.

ބުރާސްފަތި ދުވަހު ޗެނަލް 12އިން ވަނީ ނަތަންޔާހޫގެ ޖިނާއީ ޝަރީއަތުގައި ސާރާ ނަތަންޔާހޫ ހެކިވެރިއަކަށް ބިރުދައްކާ ކަމަށް ބުނެ، ތަހުގީގީ ރިޕޯޓެއް އާންމުކޮށްފައެވެ. އެ ކަމަނާ ނުސީދާ ގޮތެއްގައި އެޓާނީ ޖެނެރަލާއި ދައުލަތުގެ ވަކީލުގެ ނައިބަށް އުނދަގޫކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ސާރާގެ މައްސަލަ ތަހުގީގުކުރަން އަމުރުކުރުމުގެ ގަޑިއެއްހާއިރު ކުރިން ނަތަންޔާހޫ ވަނީ އޭނާގެ އޮފީހުން ނެރުއްވި ވީޑިއޯ ތަގުރީރެއްގައި އޭނާގެ އަންހެނުން ދިފާއުކޮށް ޗެނަލް 12ގެ ރިޕޯޓަކީ އެއް ފަރާތަކަށް ޖެހިފައިވާ އަދި ދޮގު ވާހަކަތައް ހިމެނޭ ރިޕޯޓެއް ކަމަށް ސިފަކުރައްވާފައެވެ.

އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިން ވެސް ވަނީ އެޓާނީ ޖެނެރަލްގެ އެ އަމުރަށް ފާޑުވިދާޅުވެފައެވެ. ކަނާތުފިޔައިގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާ ބެން ގްވީރު ވެސް ވަނީ ބަހާރަވް-މިއާރާއަށް ފާޑުވިދާޅުވެފައެވެ.

"ސަރުކާރުގެ ވަޒީރުންނާއި އެ މީހުންގެ އާއިލާތަކަށް ސިޔާސީ ގޮތުން ގޯނާކުރާ މީހަކަށް އެޓާނީ ޖެނެރަލްގެ މަގާމުގައި ދެމިނުހުރެވޭނެ،" ގްވީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ނަތަންޔާހޫގެ ކޮރަޕްޝަންގެ ޝަރީއަތް އެންމެ ފުރަތަމަ ފެށުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހެވެ. ނަތަންޔާހޫއަކީ މަކަރާއި ހީލަތާއި އިތުބާރު ގެއްލުމާއި ރިޝްވަތުގެ ދައުވާގައި ކޯޓަށް ހާޒިރުކުރި އިސްރާއީލުގެ ފުރަތަމަ ބޮޑުވަޒީރެވެ. ނަތަންޔާހޫ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށް ކުށަށް ދައުވާއަށް އިންކާރުކޮށްފައި ކަމަށް ރޮއިޓާސްއިން މީގެ ކުރިން ރިޕޯޓުކޮށްފައިވެއެވެ.

ނަތަންޔާހޫގެ މައްޗަށް ވަނީ ވަކިވަކި ތިން މައްސަލައެއްގައި ދައުވާ އުފުލާފައެވެ. ކޭސް 1000 ގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ބޭރުގެ ވިޔަފާރިވެރިންގެ އަތުން ސިނގިރޭޓާއި ޝެމްޕޭން ފަދަ ހަދިޔާތައް ލިބުނު ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން މަކަރާއި ހީލަތް ހެދުމުގެ ދައުވާއެވެ.

ކޭސް 2000 ގައި ވެސް އޭނާގެ މައްޗަށް އުފުލާފައިވަނީ މަކަރާއި ހީލަތާއި އިތުބާރު ގެއްލުމުގެ ދައުވާއެވެ. އެ ދައުވާގައި ބުނެފައިވަނީ އިސްރާއީލުގެ މައިގަނޑު ނޫހެއްގެ ކަވަރޭޖް ހޯދައި ބަދަލުގައި އެ ނޫހުގެ ވާދަވެރި ނޫހެއް ދައުރުވުން ހަނިކޮށްފައިވާ ކަމަށެވެ.

އެންމެ ސީރިއަސް މައްސަލަ ކަމަށްވާ ކޭސް 4000 ގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެލެކޮމިއުނިކޭޝަން ކުންފުނި ބެޒެކްގެ ހިއްސާދާރު އަދި އޭނާގެ އެކުވެރިޔާ ޝޯލް އެލޮވިޗަށް 250 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ރެގިއުލޭޓަރީ ބެނެފިޓް ދިންކަމަށް ބުނެ، ރިޝްވަތާއި މަކަރާއި ހީލަތާއި އިތުބާރު ގެއްލުމުގެ ދައުވާއެވެ.

comment ކޮމެންޓް