ސުނާމީގެ ހަނދާން އާކުރަން ސުކޫތެއް ގެނެސްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ނައިބު ރައީސް ސުކޫތުގައި ބައިވެރިވެވަޑައިގެން-- ފޮޓޯ: ރައީސް އޮފީސް

މިއަދު ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅިގެން މި ކާރިސާގެ ހަނދާން އާކުރުމުގެ ގޮތުން ޚާއްސަ ސުކޫތެއް ގެނެސްފިއެވެ.

ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަަދު މުއިއްޒު, ނިކުމެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުން، ކުރީގެ ހުރަވީ ބިލްޑިން ހުރި ސަރަހައްދަށެވެ.

އެ ސަރަޙައްދުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މާލެ ސަރަޙައްދުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެވަޑައިގެން މި ސްކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ.

ސުނާމީ ކާރިސާގެ ހަނދާން އާކުރުމަށް ބޭއްވި ސުކޫތުގެ ތެރެއިން -- ފޮޓޯ; ރައީސް އޮފީސް

މީގެ 20 އަހަރު ކުރިން އެރި ސުނާމީގައި ރާއްޖޭގައި މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް އަސަރު ކޮށްފައިވެއެވެ. އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އެ ދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.

comment ކޮމެންޓް