ޑިޖިޓަލް ހެލްތު އާކިޓެކްޗާ މަސައްކަތް ދެތިން މަހެއް ތެރޭގައި ތަންފީޒުކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް އިންޓެގްރޭޓޭޑް ހެލްތު އިންފޮމޭޝަން ސިސްޓަމް (މިހިސް) ޕަބްލިކް ޕޯޓަލް އިފްތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
މިއަދު އިފްތިތާހު ކުރެވުނު "މިހިސް ޕޯޓަލް"އަކީ ހެލްތު އާކިޓެކްޗާ ބްލޫޕްރިންޓުގެ ދަށުން ހާސިލް ކުރެވުނު މުހިންމު ކަމެއްކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
ސިއްޙީ ނިޒާމު ހަރުދަނާކޮށް ޑިޖިޓަލް ކުރުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖެ އުފެދިފައި އޮތް ގޮތުގެ ސަބަބުން، ކުދި އާބާދީތަކަށް އެންމެ ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ މައްސަލަ ހައްލު ކުރުމަށް ޓަކައި ޑިޖިޓަލް ހެލްތު ނިޒާމެއް އޮތުން މަޖުބޫރު ކަމަށެވެ.
"މި ދެންނެވި ބްލޫޕްރިންޓު އެކުލަވާލައި ތަންފީޒު ކުރަން ފެށުމުން، ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މުހިންމު ސިއްޙީ މައުލޫމާތުތަކަށް، އެންމެ ތުއްތުއިރުން ފެށިގެން ރައްކާތެރި ގޮތަކަށް ފަސޭހައިން އެކްސެސްވެވޭނެ މަގުފަހި ވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު "މިހިސް" ޕޯޓަލް އިފްތިތާހުކުރިއިރު، ފުރަތަމަ މަރުހަލާގައި އިފްތިތާހު ކުރެވިގެންދިޔަ މައިގަނޑު ކޮމްޕޮނެންޓަކީ ކުޑަކުދިންގެ ވެކްސިން ރިކޯޑާއި ހެދިބޮޑުވަމުންދާ ގޮތުގެ ރިކޯޑުތައް ޑިޖިޓަލް ކުރުމެވެ.

"މިހިސް" ޕޯޓަލް އިފްތިތާހު ކުރުން -- ފޮޓޯ/ ހެލްތް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ވެސް 2022އިން ފެށިގެން 2024އާ ދެމެދު އުފަންވީ ކުދިންގެ 95 އިންސައްތަ ސިއްހީ މައުލޫމާތުވަނީ ޕޯޓަލްގައި ރައްކާ ކުރެވިފައެވެ. އަދި އަންނަ 2025 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންގެ ސިއްޙީ މައުލޫމާތު ވެސް ރައްކާ ކުރެވެމުންދާނީ، އެ ޕޯޓަލްގައެވެ.
މި ޕޯޓަލަކީ އެ މީހެއްގެ އެންމެ ފަހުގެ ސިއްޙީ މައުލޫމާތު ދެނެގަނެވި، ބައްޔެއް ޖެހުމަށް އެ މީހެއްގެ ކިބައިގައި ހުރި ހިރާސްތައް ދެނެގަނެވުމުގެ އިތުރުން، ފަރުވާ ހޯދުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުވާ ޕޯޓަލެކެވެ.
މިނިސްޓަރު ވިދާޅުވީ، ގައުމީ ފެންވަރުގައި ރައްޔިތުންގެ ސިއްހީ މައުލޫމާތު، ޑިޖިޓަލް ވިޔުގައެއްގެ ތެރޭގައި ރައްކާތެރި ކުރުމަކީ، ސިއްހީ ނިޒާމު ފާޅު ކުރުމަށް ކޮންމެހެން ވެސް ކުރަންޖެހިފައިވާ މުހިންމު މަސައްކަތެެއް ކަމަށެވެ. ސިއްޙީ މައުލޫމާތު ޑިޖިޓަލް ކުރެވުމާއެކު، ފައިލުގައި ބޭސް ސިޓީ ގެންގުޅެން ޖެހުން ނިމުމަކަށް އަންނާނެއެވެ.