ބަލިމީހުން ޝަކުވާ ހުށަހަޅާ މިންވަރު އިތުރުވެއްޖެ، އެއީ ރަނގަޅު ކަމެއް: ހެލްތު މިނިސްޓްރީ

މީހަކު ތުއްބަލިމީހުން ޝަކުވާ ހުށަހަޅާ މިންވަރު އިތުރުވެއްޖެ ކަމަށް އެއީ ރަނގަޅު ކަމެއް ކަމަށް ހެލްތު މިނިސްޓްރީ ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަލިމީހުން ޝަކުވާ ހުށަހަޅާ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށާއި އެކަން ބަލައިގަންނަނީ ރަނގަޅު ކަމެއްގެ ގޮތުގައި ކަމަށް ހެލްތު މިނިސްޓްރީން މިރޭ ބުނެފިއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ، ކޭސްތައް ރިވިއުކުރާއިރު، މިނިސްޓްރީގެ ސިސްޓަމްގައި ހުރި މައްސަލަތައް އެކަން ހުށަހަޅާ އާންމު މީހާއާ ހިއްސާކުރާ ކަމަށެވެ.

އެގޮތުން، އާންމުންނާ ވާހަކަ ނުދައްކައި މިނިސްޓްރީއަށް ހުށަހަޅާ ކޭސްތައް ނުނިންމާ ކަމަށާއި ހޮސްޕިޓަލުގައި ބަލިމީހާ ހޭދަކުރާ މުއްދަތުގެ ތަޖުރިބާ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ވަރަށް މުހިންމު ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނާ ހަމައަށް ޝަކުވާއެއް ހުށަހެޅުނީމައި، އަޅުގަނޑުމެން ހަމައެކަނި ބަލާލާފައި ބާއްވަނީކީއެއް ނޫން. އަޅުގަނޑުމެން އަޑުއަހާލަން އެބަ އެފަރާތަށް ދިމާވީ ކޮން ތަކުލީފެއްތޯ. ކިހިނެއް ތޯ ވަނީ. ހެލްތު ޕްރޮފެޝަނަލުންނާ ވެސް ވާހަކަދައްކަން

ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން

ޑޮކްޓަރެއް ބަލިމީހަކު ބަލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތަސްލީމާ ވިދާޅުވީ، 2006، 2007 ވަނަ އަހަރާ ހިސާބުގައި ގިނަ ފަހަރަށް ބަލި މީހުން ޝަކުވާ ހުށަހަޅަނީ ފުލުހުންނަށް ނުވަތަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް ކަމަށެވެ. އެއާ ޚިލާފަށް މިހާރު މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާ މިންވަރު އިތުރުކަމަށާއި އެކަން ބަލައިގަންނަނީ ރަނގަޅު ކަމެެއްގެ ގޮތުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތަށް ހުށަހަޅާ ޝަކުވާތަކަށް ކޮންމެ ފަހަރަކު އެންމެ އެދެވޭ ޖަވާބު ނުދެވުނު ކަމަށްވިޔަސް ކޭސްތައް ބަލަމުން ދަނީ ވަކި ފަރާތަކަށް ނުޖެހި ވަރަށް ދެފުށްފެންނަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީއަށް ޝަކުވާއެއް ނުވަތަ ޚިޔާލެއް ހުށަހެޅެނީ މާހަރާ ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލްއިން ކާކުކަން ނޭނގޭ ގޮތަށް ވެސް ޝަކުވާ ހުށަހެޅޭނެއެވެ. ތަސްލީމާ ވިދާޅުވީ، އެ ޕޯޓަލް ހުޅުވާލާފައި ވަނީ ގިނަ މީހުންގެ ޝަކުވާއާ ޚިޔާލުތައް ހޯދުމަށް ކަމަށެވެ.

މި ޕްރޮގްރާމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވެސް ވަނީ ބަލި މީހުންގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން، ސިއްހީ ނިޒާމުގައި ބަލިމީހުންގެ ރައްކާތެރިކަން ނެތްކަމުގައިވާނަމަ، އެއީ ނޯންނާނެ ނިޒާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް: އޭނާ ވަނީ، ސިއްހީ ނިޒާމުގައި ބަލިމީހުންގެ ރައްކާތެރިކަން ނެތްކަމުގައިވާނަމަ، އެއީ ނޯންނާނެ ނިޒާމެއް ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ހެލްތު މިނިސްޓްރީ

އެ ނިޒާމު ފަރުމާކުރުމުގައި އެންމެ އިސްކަންދޭން ޖެހޭނީ ބަލިމީހާއަށް ކަމަށާއި އެ ރައްކާތެރިކަން ކަށަވަރުކުރެވެނީ ޚިދުމަތްދޭ ނަރުހުންނާއި ޑޮކްޓަރުން ހިމެނިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންވެ، އެކަމަށް ސަމާލުކަންދީގެން މަސައްކަތްކުރުމުން ސިއްހީ ނިޒާމު ރަނގަޅުވަމުންދާނެ ކަން ވޯލްޑް ޕޭޝަންޓް ސަމިޓުގެ ތެރެއިން ދަސްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމަށް ފޯކަސްކޮށްގެން، މިކަމަށް ސްޓްރެޓެޖީތައް ރާވައިގެން މި ވިސްނުމުގައި މީހުންގެ ވިސްނުން ވެސް ބައްޓަންކޮށްގެން މިކަމަށް އިންވެސްޓުކުރީމައި ހެލްތު ސިސްޓަމްގެ ދެން ހުރި އެހެނިހެން ކަންކަން ވަށާ ޖެހޭ ނިޒާމުގެ ތެރެއިން ދާނީ ރަނގަޅުވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް

އޭގެއިތުރުން، ބަލި މީހުން ރައްކާތެރިކަމަށް ޚަރަދުކުރާ އެއް ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ލިބޭކަން ސަމިޓުން ދަސްވި ކަމަށާއި އެއަށް ވުރެ މުހިންމު ކަމެއް ނިޒާމު ރަނގަޅުކުރުމަށް ކުރަން ނެތް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް