ހަނދުގައި އިންސާނުންނަށް ދިރިއުޅެވޭނެ މާހައުލެއް ޤާއިމްކުރުމަށް ޖަޕާނުން މަސައްކަތް ފަށައިފިއެވެ.
ޖަޕާނުގެ ކިޔޯޓޯ ޔުނިވާސިޓީ އާއި ކަޖިމާ ކޯޕަރޭޝަނުން ހަނދުގައި ދިރިއުޅެވޭނެ މާހައުލެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފައިވާއިރު، މި މަޝްރޫޢުގެ ދަށުން ބިމެކޭ އެއްގޮތަށް ހަނދުގެ ވަކި ސަރަޙައްދެއްގައި ގްރެވިޓީ ފޯސް އުފައްދާ އިންސާނުންނަށް ދިރިއުޅެވޭނެ ތަނެއް ތައްޔާރުކުރުމަށް ވަނީ ރޭވިފައެވެ.
"ނިއޯ ލޫނަރ ގްލާސް" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބިމުގެ މާހައުލާ އެއްގޮތް މާހައުލެއް އުފެއްދުމަށް ވަނީ ރޭވިފައެވެ. މިގޮތުން ދުނިޔޭގެ ގްރެވިޓީ އާ އެއްގޮތަށް ޕެރަބޮލޮއިޑް ސްޓްރަކްޗައެއް ބޭނުންކުރާނެއެވެ.
މި މަޝްރޫޢުގެ ޕްރޮޓޯޓައިޕެއް 2030 ގެ އަހަރުތަކުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.
ކިޔޯޓޯ ޔުނިވާސިޓީގެ އެޑްވާންސްޑް އިންޓެގްރޭޓެޑް ސްޓަޑީސް އިން ހިއުމަން ސަވައިވަބިލިޓީގެ ޕްރޮފެސަރު ޔޯސުކެ ޔަމަޝިކީ ވިދާޅުވީ މި މަޝްރޫޢަކީ ވަރަށް ބޮޑު ޓެކްނޮލޮޖިކަލް ކުރިއެރުމެއް ބޭނުންވާ މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢު ކާމިޔާބުކޮށް، ބޭރު ޖައްވުގައި އާބާދީތައް ޤާއިމުކުރުމުގެ މަގު ފަހިކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލޫނަރ ގްލާސް ސްޓްރަކްޗާގެ ޑައިމީޓަރުގައި 200 މީޓަރު ކަމަށާއި، އުސްމިނުގައި 400 މީޓަރު ހުންނާނެ ކަމަށް ވަނީ ބުނެފައެވެ. މި ތަނުގައި 10,000 މީހުންނަށް ދިރިއުޅެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޖަޕާނަކީ ފަޒާގެ ދިރާސާތަކުގައި އަބަދުވެސް ކުރިއަރަމުން އަންނަ ޤައުމެކެވެ. ޖަޕާނުގެ ފަޒާ ޕްރޮގްރާމް، ޖެކްސާ (JAXA) އިން ވަނީ މީގެ ކުރިން ވެސް ހަނދަށް މީހުން ފޮނުވުމާއި، އެސްޓަރޮއިޑްތަކުން ސާމްޕަލް ނެގުން ފަދަ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކޮށްފައެވެ.
ހަނދުގައި ދިރިއުޅެވޭނެ މާހައުލެއް ތައްޔާރުކުރުމަކީ ޖަޕާނުގެ ފަޒާ ޕްރޮގްރާމުގެ ދިގު މުއްދަތުގެ ލަނޑުދަނޑިތަކުގެ ތެރެއިން އެއް ލަނޑުދަނޑިއެވެ. މި މަޝްރޫޢު ކާމިޔާބުވުމުން، އިންސާނުން ހަނދުގައި ދިރިއުޅުމަށް މަގުފަހިވެ، ދުނިޔެއިން ބޭރުގައި އާބާދީތައް ޤާއިމުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.