ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލާޝިޕް ފަންޑް 2024ގެ ދަށުން، މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭ ތިން ދަރިވަރަކު ހޮވައިފިއެވެ.
އެއީ ރީޝަމް މުހައްމަދުގެ އިތުރުން، ނޫރްހާން މުހައްމަދު މޫސާއާއި އާއިޝަތު ޝަރާ ނަސީރެވެ.
މި ސްކޮލާޝިޕަކީ ދިވެހިރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ޚަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.
މިއީ ތައުލީމީ ގޮތުން އެންމެ މަތީ ނަތީޖާ ހޯދާފައިވާ ދަރުވަރުންނަށް ބީއެމްއެލްއިން ދޭ ސްކޮލަޝިޕެކެވެ.
ބީއެމްއެލްއިން ދޭ ސްކޮލަޝިޕަށް ހޮވުނު ތިން ދަރިވަރުންނަށް، އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފުވަނީ މަރުހަބާ ވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވީ، ގައުމުގެ މުސްތަގުބަލު ބައްޓަންކުރާނެ ތައުލީމީ، ގާބިލް ޒުވާނުންނަށް އިންވެސްޓް ކުރުމަށް ބީއެމްއެލްއިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އޭނާ ވިދާޅުވީ، މި ސްކޮލާޝިޕްތަކަކީ ދަރިވަރުންގެ ފަރުދީ ކުރިއެރުމަށް ލިބޭ ފުރުސަތެއްގެ އިތުރުން، ރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
ބީއެމްއެލްއިން ސްކޮލަޝިޕްގެ ފުރުސަތުތައް ހުޅުވައިލީ 2022ވަނަ އަހަރުގައެވެ. މި ފުރުސަތުގެ ދަށުން މިހާތަނަށް ހޮވުނު ހަ ދަރިވަރުން، މިހާރު ވެސް އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންދާ ކަމަށް އެ ބޭންކުން ބުނެއެވެ.