އެޗްޑީސީގެ ބޯޑުގެ ސަސްޕެންޝަން އުވާލައިފި

އެޗްޑީސީގެ ބޯޑް މެންބަރުން --

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ބިންވެރިޔާ ސްކީމްގެ ދަށުން، ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވަނިކޮށް، ސަސްޕެންޑުކުރި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން މިއަދު އުވާލައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑުކޮށްފައެވެ.

އެޗްޑީސީގެ ބޯޑުގައި މެނޭޖިން ޑިރެކްޓަރުގާއި ޗެއާމަން ނާސިފްގެ އިތުރުން ހިމެނެނީ:

  • އަޒްހަރު އަބްދުﷲ ސައީދު - ޑިރެކްޓަރު
  • އިބްރާހީމް ޔޫސުފްފުޅު - ޑިރެކްޓަރު
  • މުޙައްމަދު ވިޝާމް - ޑިރެކްޓަރު
  • އުލާ މުޙައްމަދު ރަޝީދު - ޑިރެކްޓަރު
  • އާރިފް އަބްދުލް ސަމަދު - ޑިރެކްޓަރު
  • މުޙައްމަދު ނާޖިލް - ޑިރެކްޓަރު
  • މުޙައްމަދު ވަހީދު - ޑިރެކްޓަރު
  • ފާތިމަތު މިޒްނާ އަލީ - ޑިރެކްޓަރު
  • ޔޫސުފް ވަހީދު - ޑިރެކްޓަރު

ސަސްޕެންޝަނުގައި ހުންނަވަނިކޮށް ފަޒުލް ރަޝީދު ވަނީ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

އެއާއެކު ޕީސީބީން ބުނީ އާ މެނޭޖިން ޑިރެކްޓަރެއް މިހާރު އެޗްޑީސީއަށް އައްޔަންކޮށްފައިވާތީ، ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލީކަމަށް ބުނެފައެވެ.

އެޗްޑީސީގެ ބޯޑު ސަސްޕެންޑުކުރީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަމުންދާތީއެވެ.

comment ކޮމެންޓް