ޓެލެގްރާމްއަކީ މިހާރު ފައިދާ ލިބޭ ހިސާބަށް ގޮސްފައިވާ ކުންފުންޏެއްކަމަށް އެކުންފުނީގެ ބާނީ ޕަވެލް ޑްރޮވް ހާމަކޮށްފިއެވެ.
ހޯމަ ދުވަހު ޑްރޮވް ބުނި ގޮތުގައި 2024ވަނަ އަހަރު ޓެލެގްރާމްގެ ޖުމްލަ އާމްދަނީ ވަނީ އެއް ބިލިއަން ޑޮލަރު ފަހަނައަޅާފައެވެ.
2022ވަނަ އަހަރު ޕްރީމިއަމް ސަބްސްކްރިޕްޝަން ޚިދުމަތް ތަޢާރަފުކުރި މި ކުންފުނިން މިހާރު ވަނީ، ފައިސާ ދައްކާ 12 މިލިއަން ޔޫޒަރުން ހޯދާފައެވެ. މީގެ އިތުރުން ޑްރޮވް ބުނި ގޮތުގައި ކްރިޕްޓޯ އެސެޓްތައް ނުހިމަނައި، މި އަހަރު ނިމޭއިރު ކުންފުނީގެ ރިޒާވްގައި 500 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުންނާނެއެވެ.
ޓެލެގްރާމްގެ ސީއީއޯ ވަނީ މި ފައަހަރު ކުންފުނިން އޭގެ ދަރަނި ބޮންޑުތަކުގެ ބޮޑު ބައެއް އަނބުރާ ދައްކާފައިވާ ކަމަށްވެސް ބުނެފައެވެ.
"ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ޓެލެގްރާމުން ވަނީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ ދަރަނި ނަގާފައި. މި އަހަރު އަޅުގަނޑުމެން ވަނީ އޭގެ ބޮޑު ބައެއް އަނބުރާ ދައްކާފައި، ޓެލެގްރާމް ބޮންޑުތަކުގެ އަގު ރަނގަޅު ވަގުތެއްގައި. އެކަމަކު އަދިވެސް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި،" ޑްރޮވް ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައި އެވާހަކަތައް ހިއްސާކޮށްފައެވެ.
މި އަހަރުގެ ކުރީކޮޅު ފައިނޭންޝަލް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޑްރޮވް ބުނެފައިވަނީ ކުންފުނިން 2025ގައި ފައިދާ ލިބޭ ހިސާބަށް ދާނެ ކަމަށާއި، މުސްތަޤުބަލުގައި ޕަބްލިކް ކުންފުންޏަކަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
މަހެއްގެމައްޗަށް 950 މިލިއަނަށް ވުރެ ގިނަ އެކްޓިވް ޔޫޒަރުން ތިބޭ ޓެލެގްރާމުން ވަނީ ވިޔަފާރިތަކަށް ޚާއްޞަ ފީޗާތަކެއް ތައާރަފުކޮށް، އިޝްތިހާރުގެ އާމްދަނީ ހިއްސާކުރުމުގެ ޚިދުމަތެއް ފަށައި، ޗެނަލްތަކުގައި ފައިސާ ދައްކައިގެން ބަލާ ކޮންޓެންޓް މެދުވެރިކޮށް ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ހޯދޭނެ ގޮތް ހަދައިދީ، އަދި މިނި އެޕް ސްޓޯއެއް ވެސް ތަޢާރަފުކޮށްފައެވެ.
ޓެލެގްރާމަކީ 2013ވަނަ އަހަރު ރަޝިއާގެ އިންޓަނެޓް އަދި ސޯޝަލް މީޑިއާ އެންޓަރޕްރެނާ ޕަވެލް ޑްރޮވް އުފެއްދި މެސެޖިންގ އެޕްލިކޭޝަނެކެވެ. މި އެޕް ވަނީ އޭގެ ސަލާމަތީ ފީޗާތަކާއި، ބޭނުންކުރަން ފަސޭހަކަމާއި، އަދި ބޮޑެތި ގްރޫޕްތަކާއި ޗެނަލްތައް ހިންގުމުގެ ޤާބިލުކަމާ ހެދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤުބޫލުކަން ހޯދާފައެވެ.
އެޕްގެ މައިގަނޑު އާމްދަނީ ލިބެމުން އައީ އިންވެސްޓަރުންގެ ފަންޑިންގ އާއި ޑްރޮވްގެ އަމިއްލަ ފައިސާއިން ކަމަށްވާއިރު، ފަހަކަށް އައިސް ޕްރީމިއަމް ސަބްސްކްރިޕްޝަންތަކާއި އިޝްތިހާރުތަކުން ލިބޭ އާމްދަނީ އިތުރުވެފައިވެއެވެ.
މިހާރު ޓެލެގްރާމް ވަނީ ފައިދާ ލިބޭ ހިސާބަށް ގޮސް، ދެމެހެއްޓެނިވި ވިޔަފާރި މޮޑެލްއަކަށް ބަދަލުވެފައެވެ.