ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެލޮން މަސްކްގެ އޭއައި ކުންފުނި، އެކްސްއޭއައި އިން އެ ކުންފުނީގެ ޗެޓްބޮޓް، ގްރޯކްގެ ވަކި އައިއޯއެސް އެޕެއް ޓެސްޓްކުރަން ފަށައިފިއެވެ. މިހާތަނަށް ގްރޯކް ލިބެން ހުރީ ހަމައެކަނި އެކްސް (ކުރީގެ ޓްވިޓާ) ބޭނުންކުރާ ފަރާތްތަކަށެވެ.
މި އެޕް މިހާރު ވަނީ އޮސްޓްރޭލިއާ އާއި އަދި އެހެން ބައެއް ޤައުމުތަކުގައި ބީޓާ ވާޝަންގެ ގޮތުގައި ލޯންޗްކޮށްފައެވެ. މި އެޕަށް އިންޓަނެޓުންނާއި އެކްސް އިން ރިއަލްޓައިމްކޮށް މަޢުލޫމާތު ލިބޭނެއެވެ. މީގެ އިތުރުން ލިޔުން އަލުން ލިޔުމާއި، ދިގު ޕެރެގްރާފްތައް ޚުލާސާކުރުމާއި، ސުވާލާއި ޖަވާބު ދިނުމާއި، އަދި ލިޔުމުން އިމޭޖް އުފެއްދުމުގެ ޚިދުމަތްތައް ވެސް ލިބޭނެއެވެ.
އެޕް ސްޓޯގައި މި އެޕްގެ ތަފުސީލުގައި ބުނެފައިވަނީ ގްރޯކް އަކީ ތެދުވެރިކަމާއި، ބޭނުންތެރިކަމާއި، އަދި ކަންކަން ދެނެގަތުމުގެ ޝައުޤުވެރިކަން އެންމެ މަތީ ދަރަޖައިގައި ހުރި އޭއައި އެހީތެރިއެއް ކަމަށެވެ. ކޮންމެ ސުވާލަކަށް ވެސް ޖަވާބު ލިބި، ފާހަގަކޮށްލެވޭ ފަދަ އިމޭޖްތައް އުފައްދައި، އަދި ފޮޓޯ އަޕްލޯޑްކޮށްގެން ދުނިޔެ އާ ބެހޭ ގޮތުން ފުންކޮށް ކަންކަން ދެނެގަނެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެކްސްއޭއައި އިން ވަނީ ގްރޯކް.ކޮމް ނަމުގައި ވެބްސައިޓެއް ތައްޔާރުކުރަމުންދާ ކަންވެސް ހާމަކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ވެބް ބްރައުޒަރުން ޗެޓްބޮޓް ބޭނުންކުރެވޭނެއެވެ. މިހާރު މި ސައިޓަށް ވަދެ އެކްސްއޭއައި އެކައުންޓަކުން ލޮގިންވުމުން ފެންނަނީ "coming soon" މިހެންނެވެ.
ފާއިތުވި ނޮވެމްބަރު މަހު ކުންފުނިން ވަނީ ގްރޯކްގެ ހިލޭ ވާޝަނެއް ޓެސްޓްކުރަން ފަށާފައެވެ. އަދި މި މަހުގެ ކުރީކޮޅު ހުރިހާ ޔޫޒަރުންނަށް މި ވާޝަން ރޯލްއައުޓް ކޮށްފައިވެއެވެ.
އެ ކުންފުނިން ބުނާ ގޮތުގައި ގްރޯކްގެ އިމޭޖް ޖެނެރޭޓާ މޮޑެލް އެންމެ ފުރިހަމައަށް މަސައްކަތްކުރަނީ "ފޮޓޯރިއަލިސްޓިކް ރެންޑަރިން" ގައެވެ. އަދި މި މޮޑެލްގެ އިމޭޖް ޖެނެރޭޝަން ޤާބިލިއްޔަތުތަކަށް މާބޮޑު ހަނިކުރުމެއް ނުގެނެސް، މަޝްހޫރު މީހުންގެ ފޮޓޯތަކާއި ކޮޕީރައިޓް ކުރެވިފައިވާ ތަކެތި ބޭނުންކޮށްގެން އިމޭޖް އުފެއްދުމުގެ ފުރުސަތު ޔޫޒަރުންނަށް ދީފައިވެއެވެ.
ގްރޯކްއަކީ އެލޮން މަސްކްގެ އެކްސްއޭއައި ކުންފުނިން 2023ވަނަ އަހަރުގެ ނޮވެމްބަރު މަހު ތަޢާރަފުކުރި އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓެކެވެ. މި ޗެޓްބޮޓް ފުރަތަމަ ތަޢާރަފުކުރެވުނީ އެކްސް (ކުރީގެ ޓްވިޓާ) ގެ ޕްރިމިއަމް ސަބްސްކްރައިބަރުންނަށެވެ.
ގްރޯކް ވަނީ އޯޕެންއޭއައިގެ ޗެޓްޖީޕީޓީ އާއި އެންތްރޮޕިކްގެ ކްލޯޑް ފަދަ އެހެން އޭއައި ޗެޓްބޮޓްތަކާ ވާދަކުރުމަށް ތައްޔާރުކުރެވިފައެވެ.
މި ޗެޓްބޮޓްގެ ޚާއްޞަ ކަމަކީ ރިއަލްޓައިމްކޮށް އިންޓަނެޓުން މަޢުލޫމާތު ހޯދުމުގެ ޤާބިލިއްޔަތު ލިބިފައިވުމާއި، އެކްސް ޕްލެޓްފޯމާ އެއްކޮށް އިންޓެގްރޭޓް ވެފައި އޮތުމެވެ.
މިހާރު އައިއޯއެސް އެޕެއްގެ ގޮތުގައި ތަޢާރަފުކުރެވުމާއެކު، ގްރޯކްގެ ބޭނުންކުރުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.