ލިވަޕޫލްއިން ސްޕާސް ކޮޅަށް ހަ ލަނޑު ޖަހައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލް އާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު ލިވަޕޫލްއިން ކާމިޔާބު ކޮށް ލީޑު ފުޅާކޮށްފިއެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލްއިން ކާމިޔާބު ކޮށްފައިވަނީ ހަ ލަނޑު ތިން ލަނޑުންނެވެ.

މި މެޗުގައި ގިނައިރު ސްޕާސްއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލްއިންނެވެ. މި މެޗުގައި ލިވަޕޫލްއިން ވަނީ މޮޅު ކުޅުމެއް ދައްކާ މި ސީޒަންގައި ޕްރިމިއާ ލީގު ކާމިޔާބު ކުރުން އެންމެ ގާތީ އެ ޓީމުކަން ހާމަކޮށްދީފައެވެ.

ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައިވަނީ ލިވަޕޫލްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލުއިސް ޑިއާޒްއެވެ. އަދި މެޗުގެ 36 ވަނަ މިނެޓުގައި އެލެކްސިސް މެކް އެލިސްޓާ ކާމިޔާބު ކޮށްދިން ލަނޑުން ލިވަޕޫލްއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. މި މެޗުގައި ސްޕާސްގެ ފުރަތަމަ ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޭމްސް މެޑިސަންއެވެ. މި ލަނޑާއެކު ސްޕާސްއިން ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށް އުންމީދު އާކުރި ނަމަވެސް ލިވަޕޫލްއިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑޮމިނިކް ސޮބޯޒްލާއި ކާމިޔާބުކުރި ލަނޑާއެކު އަނެއްކާވެސް ދެ ލަނޑުގެ ލީޑު ނަގާފައެވެ.

މި މެޗުގައި ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި މުޚައްމަދު ސަލާހް ކާމިޔާބު ކޮށްދިންއިރު އެވޓީމުގެ ފަސް ވަނަ ލަނޑު 61 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީވެސް ސަލާހްއެވެ. މިއީ މި ފަހަރު ޕްރިމިއާ ލީގުގައި ސަލާހް ކާމިޔާބުކުރި 15 ވަނަ ލަނޑެވެ.

މި މެޗުގައި ދެން ފެނިގެންދިޔައީ ސްޕާސްއިން ކޮންމެވެސް ވަރަކަށް ކުޅުމުގެ ތެރެއަށް ވަދެ ތަފާތު ކުޑަކުރުމަށް މަސައްކަތް ކުރި ތަނެވެ. މިގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ސްޕާސްގެ ދެވަނަ ލަނޑު ޑެޔާން ކުލުސޭވްސްކީ ކާމިޔާބު ކޮށްދިންއިރު ސްޕާސްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 83 ވަނަ މިނެޓުގައި ޑިމިނިކް ސޮލާންކީއެވެ. މި ލަނޑާއެކު މެޗުގެ ފަހު ވަގުތު ކޮޅު އިތުރަށް ފޯރިގަދަ ވެގެންދާނެކަމަށް ބެލެވިގެންދިޔަ ނަމަވެސް ސްޕާސްއިން މި ލަނޑު ކާމިޔާބުކުރިތާ ދެ މިނެޓް ފަހުން ޑިއާޒް ވަނީ ލިވަޕޫލްގެ ހަ ވަނަ ލަނޑު ކާމިޔާބު ކޮށްދީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ.

މި ކާމިޔާބީއާއެކު ލިވަޕޫލް މިހާރު ވަނީ 16 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އަދި ދެވަނައިގައި އުޅޭ ޗެލްސީއަށް ވުރެ އެއް މެޗު މަދުން ކުޅެފައިވުމުން މި ލީޑު އިތުރަށް ފުޅާކުރުމުގެ ފުރުސަތު ލިވަޕޫލަށް ލިބިގެންދާނެއެވެ. މި މެޗުން ބަލިވުމުން ސްޕާސް މިހާރު އުޅެނީ 23 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ. މި މުބާރާތުގައި ފުލަމް އާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނީ އެއްވަރު ވެގެންނެވެ. މި މެޗު އެއްވަރުވުމުން ފުލަމް 25 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައި އުޅޭއިރު ސައުތެމްޕްޓަން އުލެނީ ހަ ޕޮއިންޓާއެކު ތާވަލްގެ ފުލުގައެވެ.

comment ކޮމެންޓް