މި ފެށޭ އަހަރު ހަފުތާ ބަންދުގައި ވެސް ފެމެލީ ކޯޓުން ކައިވެނިކޮށްދޭނެ

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނި ކޮށްދޭން ފެމެލީ ކޯޓުން ވަނީ ނިންމައިފައި --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި ފެށޭ 2025 ވަނަ އަހަރު, ހަފުތާ ބަންދު ވެސް ހިމެނޭހެން ހުރިހާ ދުވަހެއްގައި, ކޯޓުގައި ކައިވެނިކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފެމެލީ ކޯޓުން މިއަދު ބުނެފިއެވެ.

މިއަދު އެ ކޯޓުން ވަނީ އަންނަ އަހަރު އެ ކޯޓުން ކައިވެނި ކޮށްދިނުމަށް ނިންމާފައިވާ ގަޑިތައްވެސް އިއުލާނު ކޮށްފައެވެ.

އެގޮތުން އެ ކޯޓުން ކައިވެނި ކޮށްދޭ ގަޑިތަކަށް ބަލާއިރު ރަސްމީ ދުވަސްތަކާއި ހުކުރު ހޮނިހިރު ނޫން ބަސްދު ދުވަސްތަކުގައި އެ ކޯޓުން ކައިވެނި ކޮށްދޭނީ:

  • 09:00 އިން 11:30 އަށް
  • 13:00 އިން 13:30 އަށް
  • 15:00 އިން 21:30 އަށް

އަދި ހަފްތާ ބަންދު (ހުކުރު، ހޮނިހިރު) ދެ ދުވަހު އެ ކޯޓުން ކައިވެނި ކޮށްދިނުމަށް ނިންމައިފައި ވަނީ:

  • 15:00 އިން 21:30 އަށް (ހުކުރު)
  • 10:00 އިން 21:30 އަށް (ހޮނިހިރު

އެ ކޯޓުން ވަނީ ކޯޓުން ބޭރުން ކައިވެނި ކޮށްދޭ ވަގުތެއްގެ ގޮތުގައި ކޮންމެ ދުވަހެއްގެ ވެސް 15:00 އިން 21:30 ކަނަޑައަޅާފައެވެ.

އަދި ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނި ކޮށްދޭ ގަޑި ހަމަޖައްސާނީ އެކަމަށް އެދި ހުށަހެޅުމުން، ހުށަހަޅާ ފަރާތްތަކާއި ކޯޓުގެ ވަގުތަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައްް ފަހުން އިއުލާނު ކުރާނޭ ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

ފެމެލީ ކޯޓުން ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ހަފްތާ ބަންދު ދުވަސްތަކުގައި އެ ކޯޓުން ކައިވެނިކޮށް ނުދިން ނަމަވެސް އެކަމަށް އެދޭ ފަރާތްތައް އިތުރުވަމުން ދާ ކަމަށެވެ. އެހެންވެ މިފެށޭ އަހަރު އެ ދުވަސްތަކުގައި ވެސް ކައިވެނި ކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ކޯޓުން ވަނީ ބުނެފައެވެ.

comment ކޮމެންޓް