ކޮންގޯގައި ފެތުރުނު ގޮތް ނޭނގޭ ބައްޔަކީ މެލޭރިއާގެ އެންމެ ނުރައްކާތެރި ވައްތަރު

ކޮންގޯގެ ހުޅަނގު ދެކުނުގައި އޮންނަ ޖެނެރަލް ހޮސްޕިޓަލް ޕަންޒީ. ކޮންގޯގައި މި މަހުގެ ކުރީކޮޅު ފެތުރެންފެށި ގޮތް ނޭގޭ ބައްޔަކީ މެލެރިއާގެ އެންމެ ނުރައްކާތެރި ވައްތަރު ކަމަށް އެ ގައުމުން ބުނޭ. ފޮޓޯ/އޭޕީ

މި މަހުގެ ކުރީކޮޅު, ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑިއާރުސީ) ގައި ފެތުރެންފެށި ގޮތްނޭނގޭ ބައްޔަކީ މެލޭރިއާގެ އެންމެ ނުރައްކާތެރި ވައްތަރު ކަމަށް އެ ގައުމުގެ ސިއްޚަތާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ސިއްޚީ އިދާރާތަކުން އަންގާރަ ދުވަހު ބުނީ ހުޅަނގު ދެކުނު ކުވާންގޯ ޕްރޮވިންސްގައި ފެތުރެމުންދާ އެ ބަލި ފެންނަނީ ނޭވާލާ ނިޒާމަށްޖެހޭ ބައްޔެއްގެ ގޮތުގައި ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން މި މަހުގެ ކުރީކޮޅު ބުނެފައިވާ ގޮތުގައި ނޮވެމްބަރު މަހު އެ ގައުމުގެ ޕަންޒީ ހެލްތު ޒޯނުގައި އެ ބަލި ޖެހިގެން 143 މީހުން މަރުވެފައިވެއެވެ.

"މިސްޓަރީ އެންމެ ފަހުން ހައްލުވެއްޖެ. އެއީ ނޭވާލާ ނިޒާމުގެ ބައްޔެއްގެ ސިފައިގައި ޖެހޭ ސީރިއަސް މެލޭރިއާގެ މައްސަލައެއް." ޕަބްލިކް ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި އެ ސަރަހައްދުގައި ކާނާ ލިބުން ދަތިވުމުގެ ސަބަބުން އާންމުން ބަލިވެ، ބަލިތައް ޖެހުން ފަސޭހަވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެ ބަލި ޖެހިގެން އޮކްޓޯބަރު މަހުން ފެށިގެން 592 ކޭސް ރިޕޯޓުކޮށްފައިވާއިރު، މަރުވި މީހުންގެ ނިސްބަތަކީ 6.2 ޕަސެންޓް އެވެ.

ޕްރޮވިންސްގެ ހެލްތު މިނިސްޓަރު އެޕޮލިނޭއާ ޔުމްބާ ރޮއިޓާސް ނިއުސްއަށް ވިދާޅުވީ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން ފޯރުކޮށްދޭ އެންޓި މެލޭރިއާ ބޭސް ޕަންޒީ ހެލްތު ޒޯންގެ މައި ހޮސްޕިޓަލާއި ސިއްޚި މަރުކަޒުތަކުގައި ބަހަމުން އަންނަ ކަމަށެވެ.

އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމުގެ އިތުރުން ބޮލުގައި ރިހުން، ކެއްސުން، ނޭފަތް ފޭބުން އަދި ހަށިގަނޑުގައި ރިހުން ފަދަ ކަންކަން ހިމެނެއެވެ.

ބަލި ޖެހިގެން ގިނައިން މަރުވެފައިވަނީ 14 އަހަރުން ދަށުގެ ކުޑަ ކުދިން ކަމަށް ގައުމީ ސިއްޚީ އިދާރާތަކުން ބުނާއިރު، އެ ބަލިޖެހިގެން އެންމެ ގިނައި ރިޕޯޓުކޮށްފައި ވަނީ ފަސް އަހަރުން ދަށުގެ ކުދިންނެވެ. ނަމަވެސް ބަލިން ދިފާއުވުމަށް ބޭނުންވާ ވަސީލަތްތައް އެ ސަރަހައްދުގައި ނެތްކަން ޑޮކްޓަރުން ފާހަގަކުރެއެވެ.

ސިވިއާ މެލޭރިއާ އޮބްޒަވޭޓަރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގައި މެލޭރިއާ ޖެހިފައިވާ މީހުންނާއި އެ ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ދެވަނައަށް އެންމެ ގިނައީ ކޮންގޯގައެވެ. މެލޭރިއާއަކީ އެ ގައުމުގައި އެންމެ ގިނައިން މީހުން މަރުވާ ސަބަބެއް ކަމަށް އެ އޮބްޒަވޭޓަރީން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް