އދ. މަހިބަދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ އެއްގޮތަށް އެރަށުގެ ތަރައްގީގެ މަޝްރޫއުތައް އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އަރިއަތޮޅު ދެކުނު ބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަހިބަދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި މިއަދު ހެނދުނު އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް އާބަން ސެންޓަރުގެ ކޮންސެޕްޓު ފައިނަލްކޮށް، އެތަނުގެ ބިންހިއްކުމާއި އެނޫން ކަންކަމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށެވެ.
މަހިބަދޫއަކީ ސަރުކާރުން ކަނޑައެޅި އާބަންސެންޓަރުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ރަށެކެވެ.
އެގޮތުން، އާބަން ސެންޓަރުތައް ތަރައްގީ ކުރަނީ އެންމެ މަތީ ފަންތީގެ ހުރިހާ ކަމެެއް ގާއިމުކުރުމުގެ ވިސްނުމުގައި ކަމަށާއި އެއީ ދުރުރާސްތާގެ ތަރައްގީއަށް ބައްޓަން ކުރާނަމަ ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މަހިބަދޫގެ އިތުރުން އާބަން ސެންޓަރު ގާއިމުކުރާ ރަށްތަކަކީ:
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ލ. ފޮނަދޫ
އެއްގޮތަކަށް ވެސް ހަތް ސަރަހައްދުން ނިންމާލާ ގޮތަކަށް ނޫން. އެއީ ކޮންމެހެން ވެސް ތަރައްގީކުރަން ޖެހޭ ހަތް ސަރަހައްދު. އެހެންވީމަ މަހިބަދޫ އާބަން ސެންޓަރަކަށް މި ކަނޑައެޅީ މި ފަޅު ހިމަނައިގެން މުހިންމު ޑިވެލޮޕްމަންޓުތަކެއް ގެންނަން ބޭނުންވެގެން. އެހެންވީމަ، ޔަގީންކަން މި އަރުވަނީ އެގޮތަށް ކުރިއަށް ގެންދާނެކަން، އޭގެ ސަބަބުން މި ރަށުގެ ރައްޔިތުންގެ ގެދޮރުވެރިކަމާ އިގްތިޞާދީ މަސައްކަތްތަކަށް އަދި، މި ސަރަހައްދަށް އެކި ގޮތްގޮތުން ފައިދާވާނެ މުހިންމު ހަބަކަށް ވާނެތީވެ
މަހިބަދޫގައި ލޭންޑްޔޫސް ޕްލޭނުގައި ކަނޑައަޅާފައި އޮތް 100 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ އަހަރު ފަށައި، ވީހާވެސް އަވަހަށް ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ މަހިބަދޫ ރައްޔިތުންނަށް ދެއްވާފައެވެ.
މީގެއިތުރުން، މިހާރު އެ ރަށުގައި ބަންދުކޮށްފައި ހުރި ޒުވާނުންގެ މަރުކަޒު ތަރައްގީކޮށް، އެތަނަށް ބޭނުންވާ ވަސީލަތްތަކާ އެއްކޮށް، ޚިދުމަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ފުޓުބޯޅަ ދަނޑުގައި ލައިޓު ހަރުކުރުމާއި ކުޅިވަރުގެ ދާއިރާއާ ގުޅޭ ކަންކަން އަންނަ އަހަރު ފެށޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެ ދާއިރާއާއި މަހިބަދޫގެ މަޝްރޫއުތައް ކުރިއަށްގެންދާނީ ރައްޔިތުންނާ ގުޅިގެން ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.