ތަޤުވާވެރިކަންމަތީގައި ތިބުމަށް ގިނަގިނައިން ތައުބާވުން މުހިންމު: ޚުތުބާ

އަހަރެމެން ތަޤުވާވެރިކަންމަތީގައި ތިބުމަށް ޓަކައި ގިނަގިނައިން ތައުބާވުން މާ އައުލާކަން ބޮޑު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.

މި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ "ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު" ގެ މައްޗަށެވެ. ޚުތުބާގައި ބުނީ މައްސަރުތަކުގެ ތެރެއިން ރަމަޟާން މަސް އެތައް ގޮތަކުން މާތް الله މާތްކުރައްވައި މަތިވެރިކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި އެ މައްސަރުގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި ޚާއްޞަ އަޅުކަމެއް އެ މަހުގައި ފަރުޟުކުރައްވައިފައިވުން ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެ މައްސަރުގައި ކުރާ ހެޔޮ ކަންކަމަށް މަތިވެރި ޖަޒާދެއްވުން ވެސް ހިމެނިފައިވާ ކަމަށް ބުންޏެވެ.

"ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި ފާފަފުއްސެވުން އެދި އިޚުލާޞްތެރިކަމާއެކު މާތް اللهގެ ޙަޟުރަތުގައި ދުޢާދެންނެވުން. މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެ ޙައްޤު އަދާކުރުމާ އެކުގައި. ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާންޖެހޭނެ," ޚުތުބާގައި ހަނދާން ކޮށްދިނެވެ.



ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެކަން ހަނދާން ކޮށްދެއްވައި މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ. "މާތް الله ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ރެޔާއިދުވާލު ހަތްދިހަ ފަހަރަށް ވުރެ ގިނައިން اللهގެ ޙަޟުރަތަށް ތައުބާވެވަޑައިގެން، އިސްތިޣުފާރުކުރައްވަމެވެ."

ޚުތުބާގައި ބުނީ މުސްލިމުން ނަމޫނާއަކަށް ބަލަންވީ އެކަލޭގެފާނު ކަމަށާއި މާތް ﷲ އެކަލޭގެފާނުގެ ފާފަފުއްސަވައިދެއްވައިފައިވާ އިރުވެސް، އެކަލޭގެފާނު ހަތްދިހަ ފަހަރަށް ވުރެ ގިނައިން ކޮންމެ ދުވަހަކު ތައުބާވެވަޑައިގަންނަވާ ކަމަށެވެ.

ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ހިތްނިޔަތް ޚާލިޞްކުރުމަކީ ތަޤުވާވެރިވުމަށް ޓަކައި ކުރާންޖެހޭނޭ ކަމެއްކަމަށާއި މާތް الله އަބަދުމެ ބައްލަވައިވޮޑިގެންވާކަން ހިތުގައި އޮންނާންޖެހޭނެ ކަމަށް ބުންޏެވެ.

"އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާނުކުރެވޭނޭކަން ދަންނާންޖެހޭނެ. މި މަތިވެރި މައްސަރުގައި ލައްވައިފައިވާ ޚާއްޞަ އަޅުކަން ފަރުޟުކުރެއްވުނު ޙިކުމަތަކީ ވެސް ތަޤުވާވެރިވުން. އެހެންކަމުން ރޯދައަށް ތިބޭ އިރު ތަޤުވާވެރިކަންމަތީ ތިބެވޭތޯ ގަދައަޅައި މަސައްކަތްކުރާންވާނެ. ތަޤުވާވެރިވުމަކީ ކޮންމެ ކަމެއްގައި ވެސް މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުން," ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނީ މި މައްސަރުގެ މަތިވެރިކަމާއި ދަރުމަ އެދޭކަމުގައިވާ ނަމަ މާތް ނަބިއްޔާ މި މައްސަރުގައި ކަންކުރެއްވި ގޮތް ދަސްކުރާންޖެހޭ ކަމަށެވެ. އެކަލޭގެފާނުގެ ސީރަތަށް ބަލާއިރު ރަމަޟާންމަހުގައި އެހެން މައްސަރުތަކަށް ވުރެ އަޅުކަމުގައި ހޭދަކުރައްވާ ވަގުތު އިތުރު ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނީ ރަމަޟާންމަހަކީ ސުވަރުގެތަކުގެ ދޮރުކޮޅުތައް ހުޅުވިފައިވާ މައްސަރު ކަމަށާއި އަދި ނަރަކައިގެ ދޮރުތައް ބަންދުވެފައިވާ މައްސަރު ކަމަށެވެ. އެ ކަމަށް އިޝާރާތްކުރައްވައި ރަސޫލު الله ޙަދީޘްކުރައްވައިފައި ވެއެވެ. "ރަމަޟާންމަހުގެ ފުރަތަމަ ރޭ ޝައިޠާނުންނާއި ޖިންނީންގެ ތެރެއިން މާރިދުން ކަސްތަޅުއެޅުއްވޭނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެއްވޭނެތެވެ. އޭގެ ތެރެއިން އެއްވެސް ދޮރެއް ނުހުޅުއްވޭނެތެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވޭނެތެވެ. އޭގެތެރެއިން އެންމެ ދޮރުކޮޅެއް ވެސް ބަންދެއްނުކުރެވޭނެތެވެ. އަދި ގޮވައިލާ ބޭކަލަކު ގޮވައިލައްވާނެތެވެ. އޭ ހެޔޮ ކަމަށް އެދޭ މީހާއެވެ! އެކަމަށް ކުރިމަތިލައި އަންނާށެވެ! އޭ ނުބައި ކަންތައްތަކަށް އެދޭ މީހާއެވެ! ތިޔަ ކަންތައްތައް ހުއްޓައިލާށެވެ! މާތް الله، ރޯދަމަހު އެކަލާނގެ އަޅުތަކުންގެ ތެރެއިން ނަރަކައިން މިންޖުކުރައްވާނެ ބަޔަކު ވާނެތެވެ. އެއީ ރޯދަމަހުގެ ކޮންމެ ރެއެއްގައެވެ!"

ޚުތުބާގައި ނަސޭހަތްތެރިވީ, މި މައްސަރުގައި ނަރަކައިން މިންޖުކުރައްވާ އަޅުންގެތެރެއިން ލެއްވުން އެދި ދުޢާކުރުމަށެވެ. އަދި ރޭ އަޅުކަން ކުރުން ގިނަ ކުރުމަށް ނަސޭހަތްތެރިވިއެވެ.

ޚުތުބާގައި އިތުރަށް ބުނީ ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން ކަމަށެވެ. މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެ ކަމަށާއި ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް