އަންނަ އަހަރު ބޮލީވުޑް ފިލްމަކުން ޕްރިޔަންކާ ފެނުމުގެ ފުރުސަތު ބޮޑު

އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ 'ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް'ގައި--ފޮޓޯ/ޓައިމްސްނައުހިންދީ

ބޮލީވުޑްގައި ކާމިޔާބު ފިލްމީ ކެރިއަރެއް ބިނާކުރުމަށްފަހު ހޮލީވުޑްގެ ފިލްމުތަކުން މިހާރު ފެންނަ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަންނަ އަހަރު ބޮލީވުޑްގެ ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ބަތަލާ ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ 'ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް'ގައި ވާހަކަ ދައްކަމުން ބަތަލާ ބުނީ އަންނަ އަހަރު ކުޅޭނެ ފިލްމަކާ މެދު ގާތްގަނޑަކަށް މިހާރު އޮތީ ގޮތެއް ނިމިފައި ކަމަށެވެ.

ހޮލީވުޑްގެ ފިލްމުތަކަށް ބަތަލާގެ ފޯކަސް ހުރި ނަމަވެސް އަމިއްލަ ޤައުމުގެ މަތިން ހަނދާން ނުނެތޭ ކަމަށާއި ކޮންމެ ޤައުމަކަށް ދިޔަޔަސް އިންޑިއާ އަކީ އުޅެ ބޮޑުވި ޤައުމުކަން އަބަދުވެސް ހަނދާނުގައި ހުންނަ ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ބަތަލާ ޕްރިޔަންކާ 'ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް'ގައި ބައިވެރިވި ބަތަލާގެ ޓީމާ އެކު--ފޮޓޯ/ޕިންކްވިލާ

އެމެރިކަން ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ކައިވެނި ކުރުމަށްފަހު ޕްރިޔަންކާ އާއި ނިކްގެ ދަރިފުޅު މާލްތީ ދިރިއުޅެމުން އަންނަނީ އެމެރިކާގެ ލޮސް އެންޖެލެސްގައެވެ. ޕްރިޔަންކާގެ ފިލްމީ ކެރިއަރު ފެށުނީ އަމިއްލަ ޤައުމު އިންޑިއާގައި ކަމަށްވީއިރު އަމިއްލަ ޤައުމަށް ހިތުގައި އޮތް ލޯތްބާއި އިހުތިރާމު ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ހޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކުރާއިރު ހިންދީ ސިނަމާގެ ފޯރިގަދަ ނެށުންތަކާއި ފިލްމު ސެޓުގައި ހިނގާ ހެއްވާ މަޖާ ހާދިސާތައް މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ޕްރިޔަންކާ އެންމެފަހުން ކުޅުނު ހިންދީ ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްވެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ދަ ސްކައި އިޒް ޕިންކް"އެވެ. އެކްޓުކުރުމުގެ އިތުރުން ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ބަތަލާ އޭގެފަހުން ވަނީ "ދަ ވައިޓް ޓައިގާ"ގެ ނަމުގައި ގެނެސްދިން އިނގިރޭސި/ހިންދީ ފިލްމަކުން ވެސް ފެނިފައެވެ.

މިދިޔަ އަހަރު އެމެރިކަން ރޮމޭންޓިކް ޑްރާމާ "ލަވް މީ އަގެއިން"އިން ފެނުނު ބަތަލާ ވަނީ އެމޭޒަން ޕްރައިމްއިން ގެނެސްދިން އެމެރިކަން ވެބް ސީރީސް "ސިޓަޑެލް"އިން ވެސް މުހިއްމު ރޯލަކުން ފެނިފައެވެ.

އަންނަ އަހަރު ބޮލީވުޑް ފިލްމަކުން ބަތަލާ ފެންނާނެ ކަމަށް ބުނި ނަމަވެސް އެ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ޕްރިޔަންކާ ދީފައެއް ނުވެއެވެ. ޖިއްދާގައި ކުރިއަށްދާ 'ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް'ގައި ބަތަލާ ބައިވެރިވިއިރު ފިރިމީހާ ނިކް ޖޯނަސް ވެސް މި ދަތުރުގައި ޕްރިޔަންކާއާ އެކު މި ފެސްޓިވަލުގައި ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް