ކްރޭކެން ކްރިޕްޓޯ އެކްސްޗޭންޖް އޮޕަރޭޓަރަށް އޮސްޓްރޭލިއާއިން 5.1 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފިއެވެ.
އޮސްޓްރޭލިއާގެ ކޯޕަރޭޓް ބެލެހެއްޓުމުގެ ފަރާތުން ބުރާސްފަތި ދުވަހު ބުނެފައިވަނީ، އެ ޤައުމުގެ ފެޑެރަލް ކޯޓުން ކްރޭކެން ކްރިޕްޓޯ އެކްސްޗޭންޖްގެ ލޯކަލް އޮޕަރޭޓަރަށް އަށް މިލިއަން އޮސްޓްރޭލިއަން ޑޮލަރު (5.1 މިލިއަން އެމެރިކާ ޑޮލަރު) ގެ ޖޫރިމަނާއެއް ދެއްކުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މިއީ 1,100 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ޤާނޫނާ ޚިލާފަށް ކްރެޑިޓް ފެސިލިޓީއެއް ދޫކުރުމުގެ ސަބަބުންނެވެ.
އޮސްޓްރޭލިއަން ސެކިއުރިޓީސް އެންޑް އިންވެސްޓްމަންޓްސް ކޮމިޝަން (އޭއެސްއައިސީ) އިން މިދިޔަ އަހަރު ބިޓް ޓްރޭޑާ ދެކޮޅަށް މަދަނީ މައްސަލައެއް އުފުލާފައިވެއެވެ. މިއީ އޮސްޓްރޭލިއާގައި ކްރޭކެން އެކްސްޗޭންޖް ހިންގާ ފަރާތެވެ. މި މައްސަލަ އުފުލާފައިވަނީ މާޖިން ޓްރޭޑިން ޕްރޮޑަކްޓަށް ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކޮށްފައިނުވާތީއެވެ.
އޭއެސްއައިސީން ބުނެފައިވަނީ، ބިޓް ޓްރޭޑުން މާޖިން ޓްރޭޑިން ޕްރޮޑަކްޓަށް އެކަށީގެންވާ ކަސްޓަމަރުން ކަނޑައެޅުމުގައި ފެއިލްވެފައިވާ ކަމަށެވެ. މީގެ ސަބަބުން ފަސް މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ގެއްލުން ވެފައިވެއެވެ.
"ބިޓް ޓްރޭޑުން އެ ފަރާތުގެ މާޖިން އެކްސްޓެންޝަން ޕްރޮޑަކްޓް 1,100 އަށްވުރެ ގިނަ އޮސްޓްރޭލިއާގެ ރައްޔިތުންނަށް ދޫކޮށްފައިވެއެވެ. މި މީހުން ހަތް މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ފީއާއި އިންޓްރެސްޓްގެ ގޮތުގައި ނަގާފައިވެއެވެ. ނަމަވެސް، މި ޕްރޮޑަކްޓަކީ އެ ފަރާތްތަކަށް އެކަށީގެންވާ އެއްޗެއްތޯ ބަލާފައެއް ނުވެއެވެ،" އޭއެސްއައިސީން ބުނެފައިވެއެވެ.
ބިޓް ޓްރޭޑްގެ ޕްރޮޑަކްޓުން މާޖިން އެކްސްޓެންޝަންސް ދޫކުރުމުގެ ފުރުސަތު ދިނެވެ. މިއީ ކްރެޑިޓް ނުވަތަ ލޯނުގެ ބާވަތެކެވެ. މިއީ ބިޓްކޮއިން ފަދަ ޑިޖިޓަލް އެސެޓްތަކުން ނުވަތަ އެމެރިކާ ޑޮލަރު ފަދަ ޤައުމީ ފައިސާއިން ދޫކޮށް އަނބުރާ ދެއްކޭ ގޮތަށް ހުރި އެއްޗެކެވެ.
ކްރޭކެންގެ ތަރުޖަމާނެއް އީމެއިލް ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގެ ނަތީޖާއާމެދު ކުންފުނިން ހިތާމަކުރާ ކަމަށެވެ.
"މި ރޫލިންތަކުން އޮސްޓްރޭލިއާގެ އިޤުތިޞާދުގެ ކުރިއެރުމަށް ބޮޑު ހުރަހެއް އެޅޭނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަމެވެ. މި ޤަވާއިދުތައް އެކުލަވާލުމުގައި ޕޮލިސީ ހަދާ ފަރާތްތަކާއި ރެގިއުލޭޓަރުންނާ އެކު ބިނާކުރަނިވި ގޮތެއްގައި މަޝްވަރާކިރެވެން ޖެހޭނެކަމަށް ދެކެމެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.