ޓައިމް މެގަޒިންގެ "ޕާސަން އޮފް ދަ ޔިއާ"އަށް ޓްރަމްޕް

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްްޕް. ޓައިމްގެ "ޕާސަން އޮފް ދަ ޔިއާ" އަށް ޓްރަމްޕް ހޮވޭނެ ކަމަށް ވަނީ ބެލެވިފައި. ފޮޓޯ/ފޮކްސް ނިއުސް

ޓައިމް މެގަޒިންގެ "ޕާސަން އޮފް ދަ ޔިއާ"އަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮވިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މިދިޔަ އަހަރު އެ މަގާމު ލިބިފައި ވަނީ ޕޮޕް ސްޓާ ޓޭލާ ސްވިފްޓަށެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން 2016ވަނަ އަހަރު ވެސް ޓްރަމްޕަށް ވަނީ އެ މަގާމު ލިބިފައެވެ. ޓްރަމްޕްގެ އިތުރުން އެމެރިކާގެ 13 ރައީސަކަށް އެ މަގާލު ލިބިފައިވެއެވެ. އޭގެތެރޭގައި މިހާރުގެ ރައީސް ޖޯ ބައިޑަން ވެސް ހިމެނިވަޑައިގަންނަވައެވެ.

އެންބީސީގެ "ދަ ޓުޑޭ ޝޯ"އިން ހޯމަ ދުވަހު ޓައިމް ޕާސަން އޮފް ދަ އިޔާ އަށް ޝޯޓް ލިސްޓުވެފައިވާ ބޭފުޅުންގެ ނަންތައް އިއުލާނު ކުރިއިރު، އޭގެ ތެރޭގައި ޓްރަމްޕާއި އެމެރިކާގެ މިހާރުގެ ނާއިބު ރައީސް ކަމަލާ ހެރިސް، އިނގިރޭސި ވިލާތުގެ އަމީރާ ކޭޓް މިޑިލްޓަން، އެލޮން މާސްކް އަދި އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ހިމެނެއެވެ.

ޓައިމް އިން މިހާރު ވަނީ އަހަރުގެ އެންމެ މޮޅު އެތުލީޓްގެ މަގާމު އެންބީއޭގެ ތަރި ކޭޓްލިން ކްލާކް އާއި އަހަރުގެ އައިކޮން އޮފް ދަ އިޔާގެ މަގާމު އެލްޓަން ޖޯން އަދި އަހަރުގެ އެންމެ މޮޅު ސީއީއޯގެ މަގާމު އެޑްވާންސްޑް މައިކްރޯ ޑިވައިސްގެ ލީސާ ސޫ ކަން އިއުލާންކޮށްފައެވެ.

"ޕާސަން އޮފް ދަ ޔިއާ" ލިބެނީ ނޫސްތަކަށް އެންމެ ގިނައިން އަރައި މުޅި އަހަރުގައި އެންމެ ބޮޑަށް ނަން ހިނގި މީހަކަށެވެ. މީގެ ކުރިން ވިންސްޓަން ޗާޗިލް އާއި ރާނީ އެލިޒަބަތު ދެވަނަ އިން ފެށިގެން ވްލަޑިމިއާ ޕޫޓިން އާއި ޖޯސެފް ސްޓާލިންވެސް "ޕާސަން އޮފް ދަ ޔިއާ"އަށް ހޮވިފައިވެއެވެ.

comment ކޮމެންޓް