މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކައިވެނިކުރި އިންޑިއާގެ ބަތަލާ ޕަރިނީތީގެ ކައިވެނީގެ ހަފުލާތަކަށް ކުރި ހޭދައާ ބެހޭގޮތުން ދޮގު ވާހަކަތައް ދައްކަމުން އަންނަ މީހުންނަށް ބަތަލާ ރައްދު ދީފިއެވެ.
އިންޑިއާ ޓީވީން ގެނެސްދޭ 'އާޕް ކީ އަދާލަތު' ޝޯގައި ޕަރިނީތީއާއި ފިރިމީހާ ރާގަވް ޗައްދާ ވަނީ ދާދިފަހުން ބައިވެރިވެ އަމިއްލަ ދިރިއުޅުމާ ގުޅުން ހުރި ގިނަ ވާހަކަތަކެއް އާއްމުންނާ ހިއްސާކޮށްފައެވެ.
ޕަރިނީތީ ބުނެފައިވަނީ ދެމަފިރިންނަށް އާއްމުންގެ ގިނަ ބައެއްގެ ފަރާތުން ލޯބި ލިބެމުން އަންނައިރު ޑަބަލް ސްޓެންޑަޑް ވިސްނުމެއް ގެންގުޅޭ މަދު ބަޔަކު މިހާރު ވެސް އެބަތިބި ކަމަށާއި އެ މީހުން ވަނީ ބަތަލާގެ ކައިވެންޏާ ގުޅިގެން ވެސް ހަގީގަތް ނުބަލާ ދޮގު ވާހަކަތަކެއް ފަތުރާފައި ކަމަށެވެ.
ސިޔާސީ ދާއިރާއަށް ނިސްބަތްވާ ޒުވާން ލީޑަރު ރާގަވް ޗައްދާއާ ކައިވެނިކުރި ހިސާބުން ޕަރިނީތީއަކީ މަދު އާމްދަނީ ލިބޭ ބަތަލާއެއްގެ ގޮތުގައި އެއް ބަޔަކު ސިފަކުރިއިރު ބައެއް މީހުން ބުނެފައިވަނީ ބަތަލާގެ ކައިވެންޏަށް ވެސް ޙަރަދުކޮށްފައިވަނީ ހަމައެކަނި ރާގަވް ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެމުން ރާގަވް ބުނެފައިވަނީ ދެ މީހުންގެ ކައިވެނީގެ ހަފުލާ ބޭއްވީ ހަތް ތަރީގެ ހޮޓަލެއްގައި ނޫން ކަމަށާއި އެއީ ފަސް ތަރީގެ ހޮޓަލެއް ކަމަށެވެ. މުޅިއަކު 40 ނުވަތަ 50 ވަރަކަށް ކޮޓަރި ހުރި އެ ހޮޓަލުގައި ތިބި އެ މީހުންގެ މެހެމާނުންނަށް ކުރި ޚަރަދުގެ އަގު 10 ލައްކަ ރުޕީސްއަށް ވެސް ނާރާނެ ކަމަށާއި ވަރަށް ގިނަ ބަޔަކު ވަނީ އެ ވާހަކަތައް އޮޅުވާލައިގެން މީޑިއާތަކުގައި ލިޔެފައި ކަމަށް ރާގަވާއި ޕަރިނީތީ ވަނީ ބުނެފައެވެ.
ޕަރިނީތީ ސިޔާސީ ދާއިރާއަށް ނިސްބަތްވާ މީހަކާ ކައިވެނިކުރުމުން ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވިއިރު އޭގެ ބަދަލުގައި ބަތަލާ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ ނުވަތަ ވިޔަފާރިވެރިއަކާ ކައިވެނިކުރި ނަމަ ބެލުންތެރިން ދެކޭގޮތް ބަދަލުވީސް ކަމަށާއި ގިނަ ބަޔަކު ޕަރިނީތީއަށް ތައުރީފުކުރީސް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ރާގަވް ސިޔާސީ ލީޑަރަކަށްވުމުން ކުއްލިއަކަށް ޕަރިނީތީއަކީ އާމްދަނީ އެއްވެސް ވަރަކަށް ނުލިބޭ މީހެއް ކަމަށް ކަނޑައަޅާ ބަތަލާގެ ހުރިހާ ޚަރަދެއް ރާގަވް ކުރާ ކަމަށް ބުނެ، އަމިއްލަ އަމިއްލައަށް ކަންކަން ނިންމުމަކީ އެންމެ އިންސާފުވެރިގޮތެއް ނޫން ކަމަށް ފިލްމު "ޗަމްކީލާ"ގެ ބަތަލާ ވަނީ ބުނެފައެވެ.
ފިލްމީތަރިންގެ އަމިއްލަ ޒާތީ ދިރިއުޅުމާ ބެހޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ދައްކާ މީހުންގެ އެފަދަ ވާހަކަތަކުގެ ސަބަބުން ބައެއް ފަހަރު ވަރަށް ދެރަވާ ކަމަށާއި ރާގަވާއި ޕަރިނީތީއަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ވަރަށް އުފާވެރި ދެމަފިރިންގެ ގޮތުގައި ޕަރިނީތީ ވަނީ ސިފަކޮށްފައެވެ.
ފިލްމު "އަމަރު ސިންގް ޗަމްކީލާ"އަށް ފަހު ޕަރިނީތީ އަންނަނީ ވަކި ނަމެއް ހަމަޖެހިފައިނުވާ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. މި ފިލްމާބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.