ދުނިޔޭގެ އެންމެ މަޤުބޫލު ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމް ޔޫޓިއުބުން އޮޓޯ ޑަބިން ފީޗާ އިތުރަށް ތަރައްޤީކޮށްފިއެވެ.
މި ފީޗާ ފުރަތަމަ ތަޢާރަފުކުރީ ވިޑްކޮން 2022 ގައެވެ. މިއީ ގޫގުލްގެ އޭރިއާ 120 އިންކިއުބޭޓަރުން ތަރައްޤީކޮށްފައިވާ އެލައުޑް ނަމަކަށް ކިޔާ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފީޗަރެކެވެ.
މި ފީޗާގެ ޒަރީއާއިން ޔޫޓިއުބް ވީޑިއޯތައް އިނގިރޭސި ބަހުން އެހެން ބަސްތަކަށް އަދި އެހެން ބަސްތަކުން އިނގިރޭސި ބަހަށް އޮޓޮމެޓިކުން ތަރުޖަމާކޮށް ޑަބްކުރެވޭނެއެވެ.
ޔޫޓިއުބުން ބުނާ ގޮތުގައި ޔޫޓިއުބް ޕާޓްނަރު ޕްރޮގްރާމްގައި ބައިވެރިވެފައިވާ އެތައް ހާސް ޗެނަލްތަކަށް މި ފީޗާ ބޭނުންކުރެވޭނެއެވެ.
އިނގިރޭސި ބަހުން ހަދާފައިވާ ވީޑިއޯތައް ފަރަންސޭސި، ޖަރުމަނު، ހިންދީ، އިންޑޮނޭޝިއަން، އިޓަލިއަން، ޖަޕަނީސް، ޕޯޗުގީޒް އަދި ސްޕެނިޝް ބަހަށް އޮޓޯ ޑަބް ކުރެވޭނެއެވެ. އަދި، މި ބަސްތަކުން ހަދާފައިވާ ވީޑިއޯތައް އިނގިރޭސި ބަހަށް ޑަބްކުރެވޭނެއެވެ.
މި ފީޗާ ބޭނުންކޮށްގެން ޑަބްކޮށްފައިވާ ވީޑިއޯތަކުގައި "އޮޓޯ-ޑަބްޑް" ލޭބަލެއް ފެންނަން ހުންނާނެއެވެ. ބަލައި ފަރާތްތަކަށް އަސްލު އޯޑިއޯ އަޑުއެހުމުގެ ފުރުސަތު ޓްރެކް ސިލެކްޓާ މެދުވެރިކޮށް ލިބޭނެއެވެ.
މި ފީޗާ ބޭނުންކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނުޖެހޭނެއެވެ. ކޮންޓެންޓް ކްރިއޭޓަރުން ހަމައެކަނި ވީޑިއޯ އަޕްލޯޑްކުރުމުން، ޔޫޓިއުބުން އޮޓޮމެޓިކުން އެ ވީޑިއޯގެ ބަސް ދެނެގަނެ، އެހެން ބަސްތަކަށް ޑަބްކޮށްދޭނެއެވެ. ޑަބްކޮށްފައިވާ ވީޑިއޯތައް ޔޫޓިއުބް ސްޓޫޑިއޯގެ "ބަސްތައް" ސެކްޝަނުން ފެންނަން ހުންނާނެއެވެ.
ކްރިއޭޓަރުންނަށް ޑަބްކޮށްފައިވާ ވީޑިއޯތަކުގެ ކޮންޓްރޯލް އޮންނާނެއެވެ. އެގޮތުން, ކްރިއޭޓަރުންނަށް ކަމުނުދާ ޑަބްތައް އުވާލުމާއި ޑިލީޓްކުރުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.
ޔޫޓިއުބުން ބުނާ ގޮތުގައި ބައެއް ހާލަތްތަކުގައި ތަރުޖަމާ ކުޑަކޮށް ތަފާތުވުމާއި، ޑަބްކޮށްފައިވާ އަޑު އަސްލު ވާހަކަދައްކާ ފަރާތާ ނުގުޅުން އެކަށީގެންވެއެވެ. ނަމަވެސް، ބޭނުންކުރާ ފަރާތްތަކަށް މި ފީޗާ އިތުރަށް ރަނގަޅުކުރުމަށް ފީޑްބެކް ދެވިދާނެ ކަމަށް ޔޫޓިއުބުން ބުނެއެވެ.
ސެޕްޓެމްބަރު މަހު ބޭއްވި "މޭޑް އޮން ޔޫޓިއުބް" އިވެންޓުގައި ދައްކާލި "އެކްސްޕްރެސިވް ސްޕީޗް" ނަމަކަށް ކިޔާ ފީޗާއެއް މެދުވެރިކޮށް އިތުރަށް ސައްޙަ ފަހުމްވާ އަދި ޠަބީޢީ އަޑުތަކެއް ޑަބްތަކުގައި ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ޔޫޓިއުބުން ބުނެފައިވެއެވެ.