އޭއައި ދާއިރާގައި މަޝްހޫރު ކުންފުނި އޯޕަން އޭއައިއިން ޓެކްސްޓުން ވީޑިއޯ އުފައްދާ "ސޯރާ" މޮޑެލް ޗެޓްޖީޕީޓީ ޕްލަސް އަދި ޕްރޯ ބޭނުންކުރާ ފަރާތްތަކަށް ތަޢާރަފުކޮށްފިއެވެ.
ހޯމަ ދުވަހު އޯޕަން އޭއައިއިން މި މޮޑެލް ތަޢާރަފުކުރުމާ އެކު މަލްޓިމޯޑަލް އޭއައި ޓެކްނޮލޮޖީގެ ދާއިރާގައި އޯޕަން އޭއައިގެ ހަރަކާތްތައް އިތުރަށް ފުޅާވެގެންދާނެއެވެ. މައިކްރޯސޮފްޓްގެ އެހީތެރިކަމާ އެކު ހިންގާ މި ކުންފުނިން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޗެޓްޖީޕީޓީ ތަޢާރަފުކުރުމާ އެކު ޖެނެރޭޓިވް އޭއައިގެ ވާދަވެރިކަން އުފެދުނެވެ.
މެޓާ އަދި ގޫގުލްގެ މައި ކުންފުނި އަލްފަބެޓް އިން ތަޢާރަފުކޮށްފައިވާ ޓެކްސްޓް-ޓު-ވީޑިއޯ ޓޫލްތަކާ މިހާރު ސޯރާ މެދުވެރިކޮށް ވާދަކުރުމަށް އޯޕަން އޭއައިއިން އަމާޒު ހިފާފައިވެއެވެ. ސްޓެބިލިޓީ އޭއައިގެ ސްޓޭބަލް ވީޑިއޯ ޑިފިއުޝަންއާ ވެސް ވާދަކުރާނެއެވެ.
ސޯރާ ފުރަތަމަ ތަޢާރަފުކުރީ މި އަހަރުގެ ފެބްރުއަރީ މަހެވެ. ނަމަވެސް، އޭރު މި މޮޑެލް ބޭނުންކުރެވުނީ ހަމައެކަނި ސަލާމަތީ ޓެސްޓުކުރާ ފަރާތްތަކަށެވެ. މިހާރު ޗެޓްޖީޕީޓީ ޕްލަސް އަދި ޕްރޯ ބޭނުންކުރާ ފަރާތްތަކަށް އިތުރު އަގަކާނުލައި "ސޯރާ ޓާބޯ"ގެ ނަމުގައި މި މޮޑެލް ބޭނުންކުރެވޭނެއެވެ.
އޯޕަން އޭއައިއިން ބުނާ ގޮތުގައި މި މޮޑެލް މެދުވެރިކޮށް 1080ޕީ ރެޒޮލިއުޝަންގައި 20 ސިކުންތުގެ ވީޑިއޯ އުފެއްދޭނެއެވެ. ނަމަވެސް، ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކާއި، ސުވިޒަލޭންޑް އަދި ޔުނައިޓެޑް ކިންގްޑަމްގައި މި ވަގުތު ސޯރާ ބޭނުން ނުކުރެވޭނެއެވެ. ޗެޓްޖީޕީޓީ ބޭނުންކުރެވޭ އެހެން ހުރިހާ ސަރަޙައްދެއްގައި ސޯރާ ބޭނުންކުރެވޭނެއެވެ.
އޯޕަން އޭއައިއިން އިތުރަށް ބުނެފައިވަނީ ކުޑަކުދިންނާ ގުޅޭ ޖިންސީ މައްސަލަތަކާއި، ޑީޕްފޭކް ފަދަ ގެއްލުންދެނިވި ކަންކަން ސޯރާ މެދުވެރިކޮށް އުފެއްދުމާއި އަޕްލޯޑްކުރުން ހުއްޓުވާނެ ކަމަށެވެ. މިއީ މި މޮޑެލް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެކެވެ.
އޯޕަން އޭއައިއަކީ އާޓިފިޝަލް އިންޓެލިޖެންސް ދާއިރާގައި އެންމެ އިސް ސަފުގައި ހިމެނޭ ކުންފުންޏެކެވެ. ކުރިން 2015 ވަނަ އަހަރު އުފެއްދި މި ކުންފުނިން ވަނީ ޗެޓްޖީޕީޓީ ފަދަ އިންޤިލާބީ އުފެއްދުންތައް ތަޢާރަފުކޮށްފައެވެ.
ޗެޓްޖީޕީޓީއަކީ ޓެކްސްޓް އުފައްދާ އޭއައި މޮޑެލެކެވެ. މިހާރު ތަޢާރަފުކޮށްފައިވާ ސޯރާއަކީ ޓެކްސްޓުން ވީޑިއޯ އުފައްދާ މޮޑެލެކެވެ.