ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ގ. ނޫރަންފިނި، މަރިޔަމް އިންޝާ ފައިސަލް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.
އިންޝާ، އެ މަގާމަށް އައްޔަނުކުރުމަށް ނަން ފޮނުއްވާފައިވަނީ، އެންއައިސީގެ މެންބަރު އަހުމަދު ޖިހާދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 58 މެންބަރުންގެ އިއްތިފާގުން ވަނީ އިންޝާ އެ މަގާމަށް އައްޔަނުކުރުމަށް ފާސްކޮށްފައެވެ.
މިހާރު އެ ކޮމިޝަންގައި ތިއްބަވާ ބޭފުޅުންނަކީ:
- އެންއައިސީގެ ރައީސް ގާސިމް އަބްދުލްކަރީމް
- އެންއައިސީގެ ނައިބު ރައީސާ އާޝިޔަތު ޝިއުނާ
- އެންއައިސީގެ މެންބަރު އާމިނަތު ޝާދިޔާ
- އެންއައިސީގެ މެންބަރު ޝުއައިބު އަބްދުއްރަހްމާން
މި ހަތަރު ބޭފުޅުން އައްޔަނުކުރައްވާފައިވަނީ 2020 ވަނަ އަހަރެވެ. އެހެންކަމުން، އެ ބޭފުޅުންގެ ދައުރު ހަމަވާނީ އަންނަ އަހަރެވެ.
އިންޝާ ވަނީ މީގެ ކުރިން އެ ކޮމިޝަންގެ ސީނިއާ އިންވެސްޓިގޭޓަރެއްގެ މަގާމު ވެސް އަދާކުރައްވާފައެވެ.
އެންއައިސީއަށް މެންބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނާނީ ރައީސަށެވެ.
އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ޚިލާފު އަމަލުތައް ބަލައި ތަހުގީގުކުރުން ހިމެނެއެވެ. އަދި، އެފަދަ އަމަލެއް ކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެ ކަމެއް ވެސް ބަލައި ތަހުގީގުކުރަން އެ ކޮމިޝަނަށް ލާޒިމުވާނެއެވެ.