އެއާ އިންޑިއާއިން ދިއްލީއާއި މުމްބާއީން ރާއްޖެއަށް ސީދާ ދަތުރުތައް ކޮންމެ ދުވަހަކު ބާއްވަން ފަށައިފި

އެއާ އިންޑިއާގެ ބޯޓެއް -- ފޮޓޯ/ ޝަޓާސްޓޮކް

އިންޑިއާގެ ގައުމީ އެއާލައިނުން އެގައުމުގެ ދިއްލީ އާއި މުމްބާއީން ރާއްޖެއަށް ކޮންމެ ދުވަހަކު ސީދާ ދަތުރުތައް ބާއްވަން ފަށައިފިއެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އެއާ އިންޑިއާއިން ސީދާ ދަތުރުތައް އިތުރުކޮށްފައި ވަނީ ރާއްޖެއަށް ދަތުރުކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށް ޓަކައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އާއި ދިއްލީއާ ދެމެދު ކުރާ ދަތުރުތަކަށް ގާތްގަނޑަކަށް ހަތަރު ގަޑިއިރު ހޭދަވާއިރު މުމްބާއީއާ ދެމެދު ކުރާ ދަތުރުތައް ހޭދަވަނީ ގާތްގަނޑަކަށް ތިން ގަޑިއިރެވެ.

އެ ނޫހުގައިވާ ގޮތުން މިހާރު ފަށައިފައިވާ ސީދާ ދަތުރުތަކުގައި، އެއާ އިންޑިއާގެ ފްލައިޓުތައް ދިއްލީން ފުރާނީ ހެނދުނު 10:15ގައި (ފްލައިޓް އެއައި 2273)އެވެ. އެ ބޯޓު ވީއައިއޭއަށް ޖައްސާނީ މެންދުރު 1:50ގައެވެ.

އެ ބޯޓު ވީއައިއޭއިން ފުރާނީ މެންދުރު 2:50ގައި އަދި ދިއްލީއަށް ޖައްސާނީ ރޭގަނޑު 7:25ގައެވެ.

މީގެ އިތުރުން މުމްބާއީއިން ބޯޓު ފުރާނީ ހެނދުނު 9:30 ގައި ކަމަށްވާއިރު އެ ބޯޓު ރާއްޖޭގައި ޖައްސާނީ 11:50ގައެވެ.

އެއަށްފަހު މާލެއިން މުމްބާއީއަށް 12:50 ގައި ފުރައި، -އެ ސިޓީއަށް ދެވޭނީ ހަވީރު 4:05ގައި ކަމަށް އެއާ އިންޑިއާއިން ބުނެފައިވެއެވެ.

ގިނަ ދިވެހިން އެކި ބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާއިރު، ރާއްޖެއަކީ އިންޑިއާ ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ޒިޔަރާތް ކުރާ ގައުމެކެވެ. ނަމަވެސް، މިއަހަރު ކުރީކޮޅު ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން އެގައުމުގެ ފަތުރުވެރިން ރާއްޖެ އައުން މެދުކެނޑުނެވެ.

މިވަގުތު އިންޑިއާ އުޅެނީ ރާއްޖޭގެ ހަވަނަ މާކެޓުގެ ގޮތުގައެވެ. އެ ގައުމުން މިއަހަރު މިހާތަނަށް 115،011 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މިއީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުކަމުން، އެ ގައުމުގެ ފަތުރުވެރިން އިތުރުކުރަން ސަރުކާރުން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އަންނަ އަހަރު އިންޑިއާ ފަތުރުވެރިން އިތުރުވާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް