ބ. ތުޅާދޫ ސުކޫލުގައި ފޮތް ކިޔާލަން ހިތް ފަސޭހަކަމާ އެއްކޮށް ތިބެވޭ ގޮތަށް އެރަށު ކައުންސިލްގެ ޑަބްލިއުޑީސީން ރީޑީން ޕާކެއް ހަދައި، އެތަން އިއްޔެ ސުކޫލާ ހަވާލުކޮށްފިއެވެ.
'ފޮތްތެރިންގެ ދާލަ'ގެ ނަމުގައި އެ ސުކޫލުގައި ހުޅުވި މި ޕާކަކީ ދަރިވަރުންނަށް ހަމަޖެހިލައިގެން ފޮތް ކިޔުމަށާއި ގުރޫޕް ސަޑީތައް ހެދޭހެން ފަރުމާކޮށްފައިވާ ޕާކެކެވެ.

ފޮތްތެރިންގެ ދާލަގައި ހުންނަ ފޮޔް ހިޔަލަ: އެތަން ހެދީ ދަރިވަރުން ފޮތް ކިޔުމަށް ޝައުގުވެރިކުރުމަށް ކަމަށް އެރަށު ޑަބްލިއުޑީސީން ވަނީ ބުނެފައި ----
އެގޮތުން، މިޕާކުގައި ތިން ބެންޗާއި, އިނގިރޭސިއާއި ދިވެހި ބަހުގެ ފޮތްތައް ބަހައްޓާނެ ދެ ފޮތް ގޭގެ އިތުރުން ފޮތް ކިޔާލަން ތިބެވޭ ގޮތަށް ލަކުނޑިން ހަދާފައިވާ ފޮތް ހިޔަލައެއް ބަހައްޓާފައިވެއެވެ.
މި ޕާކު ސުކޫލު ހުޅުވާފައި ހުންނަ ހުރިހާ ގަޑިތަކެއްގައި ވެސް ބޭނުންކުރެވޭނެއެވެ.
މި ޕާކުގެ ބޭނުމާ ގުޅޭގޮތުން އެ ރަށު ޑަބްލިއުޑީސީގެ ރައީސާ ދޫމާ އަބްދުލްކަރީމް 'ސަން'އަށް ވިދާޅުވީ، ޕާކު ހުޅުވީ ކުލާސްރޫމްގެ ބަދަލުގައި ކުދިން ފޮތް ކިޔުމަށް ތިބެން ޝައުގުވެރިވާ ކަހަލަ މާހައުލެއް ބިނާކޮށްދިނުމަށް ކަމަށެވެ.

ދަރިވަރުންތަކެއް ފޮތްތެރިންގެ ދާލައިގެ ބެންޗެއްގައި: ޑަބްލިއުޑީސީން ބުނީ، އެތަން ހެދީ ދަރިވަރުން ކިޔަވާ ހިތްވާ މާހައުލެއް ބިނާކުރުމުގެ ބޭނުމުގައި ކަމަށް ---
މީގެއިތުރުން، އެތަނުގެ ބެންޗުތައް ބިނާކުރުމުގައި ލަކުނޑި ބޭނުންކުރީ ތިމާވެއްޓާ ފަސޭހަކޮށް، ދިވެހިވަންތަކަން ދަރިވަރުންނަށް ދައްކުވަައިދިނުމަށް ކަމަށް ދީމާ ވަނީ ވިދާޅުވެފައެވެ.
"އަސްލު މި ގިނަ ފަހަރަށް މި އޮންނަނީ ލެޕްޓޮޕާ ޓެބްލެޓަކާ ފޯނެއް ކޮންމެސް އެކަހަލަ އެއްޗެއް. ވަރަށް ސްކްރީން ޓައިމްދޯ ގިނަ ކުދިންނަށް، އެކަހަލަ ކަންތަކާ ދުރުވެލަން އަސްލު ވަރަށް ބޮޑޫ ފުރުސަތެއް މިއީ،" ދީމާ ވިދާޅުވިއެވެ.
ދީމާ ވަނީ އެ ކަންކަމަށް ބެލެނިވެރިން ވެސް ވިސްނައިގެން އެތަނަށް ދަރިވަރުން ފޮނުވަން ފުރުސަތު ދިނުމަށް އެދިވަޑައިގެންފައެވެ. އަދި، އުންމީދުކުރަނީ ކުދިންތަކެއް ފޮތްތެރިންނަށް ވެގެންދާނެ ކަމަށާއި އެތަނުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.