ބޮލީވުޑްގެ އެންމެ މަގުބޫލު ބަތަލާއިންގެ ތެރޭ ހިމެނޭ އާލިއާ ބަޓްގެ އެންމެ ފަހުގެ ފިލްމު "ޖިގްރާ" މިއަދު ނެޓްފްލިކްސްގައި ޕްރީމިއާކުރަން ފަށައިފިއެވެ.
މަގުބޫލު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރު ވަސަން ބާލާގެ މި ފިލްމު ސިނަމާތަކުގައި އެޅުވީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހެވެ. ކްރިޓިކުންނާއި ބެލުންތެރިންގެ ފަރާތުން މަސްހުނި ރިވިއުތަކެއް ލިބުނު މި ފިލްމަކީ އާލިއާގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ބެލުންތެރިންނަށް ފެންނާނެ ފިލްމެކެވެ.
ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބެއް ހޯދިފައިނުވާއިރު ފިލްމަށް ކުރެވުނު ޚަރަދު ފިލްމުގެ ސެޓެލައިޓް ރައިޓްސް ވިއްކައިގެން ލިބޭނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލާނެކަން އިއުލާނުކުރުމާ އެކު އާލިއާގެ ސަޕޯޓަރުން ބުނެފައިވަނީ ނެޓްފްލިކްސްއިން ފިލްމު ބެލުމަށް ފަހު ފިލްމަށް ލިބެންޖެހޭ ހައްގު ތައުރީފު ބެލުންތެރިންގެ ފަރާތުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ފިލްމު "ޖިގްރާ"ގެ މަންޒަރެއްގައި އެކްޓަރު ވެދާންގް ރައިނާ އާލިއާއާ އެކު--ފޮޓޯ/ޕިންކްވިލާ
މި ފިލްމު ރިލީޒްކުރުމުގެ ކުރިން ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ފިލްމަށް ލިބުނު ނަމަވެސް ފިލްމު ބެލި ގިނަ މީހުންނަށް މި ފިލްމު މާ ބޮޑަށް ކަމުގޮސްފައެއް ނުވެއެވެ.
ކަރަން ޖޯހަރުގެ ދަރުމާ ކުންފުންޏާއި އާލިއާގެ ފިލްމު ކުންފުނި އެޓާނަލް ސަންޝައިންސް ގުޅިގެން ގެނެސްދިން މި ފިލްމަކީ ދައްތައަކާއި ފިރިހެން ކޮއްކޮއެއްގެ މެދުގައި އޮތް ލޯތްބާއި ކުލުނު ދައްކުވައިދިން ފިލްމެކެވެ.
މި ފިލްމުގައި އާލިއާއާ އެކު ބަތަލާގެ ކޮއްކޮގެ ރޯލް ކުޅެފައިވަނީ ޒުވާން އެކްޓަރު ވެދާންގް ރައިނާއެވެ. އާލިއާ މި އަހަރު މަސައްކަތް ފަށާފައިވާ ދެ ފިލްމަކީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފިލްމު "އަލްފާ" އަދި ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"އެވެ.