އައްޑޫން 18 ޒުވާން ޚަތީބުން ތަމުރީނުކޮށް، ސަނަދު ދީފި

އިތުރު 18 ޒުވާން ޚަތީބުން ތަމްރީނުކޮށް، ސަނަދު ދީފި: އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް 270 ޒުވާން ޚަތީބުން ވަނީ ތަމްރީން ނިންމާ ސަނަދު ހާސިލްކޮށްފައި ކަމަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޒުވާން ޚަތީބުންގެ ޕްރޮގުރާމްގައި ޚަތީބުކަމުގެ ސަނަދު ހާސިލުކުރި 18 ޚަތީބުންނަށް ސަނަދު އަރުވައިފިއެވެ.

ޚަޠީބުންގެ ޕްރޮގްރާމަކީ އާ ޖީލެއް އުފެއްދުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޕްރޮގްރާމެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޒުވާން ޚަތީބުންގެ ޕްރޮގުރާމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެކަމަށްޓަކައި އައްޑޫގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލައްތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ޕްރޮގުރާމް ނިންމާ 18 ބައިވެރިއަކު ވަނީ ސަނަދު ހާސިލްކޮށްފައެވެ.

ރީތިކޮށް ޤުރުއާން ކިޔަވާ، ޚުތުބާކިޔާ، ބަންގި ގޮވާ ޒުވާން ޖީލެއް ނެރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ޚާއްސަ ޕްރޮގްރާމެކެވެ.

ޒުވާން ޚަތީބުންގެ ޕްރޮގްރާމާއި ބެހޭ ގޮތުން މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ދައުރުގެ ތެރޭގައި 1،000 ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން، ފުރަތަމަ އަހަރުގެ ތެރޭގައި މިހާތަނަށް 270 ޒުވާން ޚަތީބުން ވަނީ ތަމްރީން ނިންމާ ސަނަދު ހާސިލްކޮށްފައެވެ. އަދި އެ ޕްރޮގްރާމަށް ލިބޭ ތަރުހީބަށްޓަކައި އުފާކުރައްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގެ ދަށުން ތަމުރީނުވާ ފަރާތްތަކަށް ޚުތުބާ ކިޔުމާއި، އިމާމުވެ ނަމާދުކުރުމާއި، ދީނާއި ގުޅުންހުރި އެހެނިހެން ޚާއްސަ ތަމުރީނުތައް ދެއެވެ. އެ ޕްރޮގްރާމަކީ ގްރޭޑު 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނާއި ސްކޫލު ނިންމާފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން، އެ ޕްރޮގްރާމްގެ ދަށުން ޚަތީބުކަމުގެ ސަނަދު ނަގާއިވާ ކުދިން މިހާރު ރާއްޖޭގެ އެކި ރަށްރަށުގައި އިމާމުވެ ހުކުރު އަދި ރަމަޟާން މަހުގައި ތަރާވީޙް ނަމާދު އަދި ބަންގި ގޮވުމުގައި ހަރަކާތްތެރިވަމުންދެއެވެ.

ޒުވާން ޚަތީބުން ތަމުރީންކުރުމުގެ ޕްރޮގްރާމަކީ ދީނަށް ލޯބިޖެހިފައިވާ ޒުވާނުންތަކެއް ބިނާކޮށް ދީނީ ކަންކަމަށް އިސްކަންދޭ މުޖުތަމަޢެއް ބިނާކުރުމުގެ މަސައްކަތް ކުރެއްވުމަށް ސީދާ ރައީސްގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

comment ކޮމެންޓް