އިންގްލިޝް ޕްރިމިއާ ލީގުގައި ރޫޑް ވެން ނިސްޓެރޯއީގެ ކޯޗު ކަމުގެ ދަށުން ލެސްޓާ ސިޓީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ.
ލެސްޓާ އާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ލެސްޓާއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ.
މިދިޔަ ހުކުރު ދުވަހު މަގާމާ ހަވާލުވި ނިސްޓެރޯއީގެ ފުރަތަމަ މެޗު ލެސްޓާއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ދެވަނަ މިނެޓްގައި އެޓީމުން އުފެއްދި ހަމަލާއެއްގައި ލެސްޓާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ޖޭމީ ވާޑީއެވެ.
ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖާހާނެ ފުރުސަތު ދެޓީމަށްވެސް ލިބުނެވެ.
މިމެޗުގައި ލެސްޓާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދިނީ ބިލާލު އަލް ހަނޫސްއެވެ. އަދި ފަހު ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ޖަހައިދިނީ ޕެޓްސަން ޑާކާއެވެ. މިމެޗުގައި ވެސްޓް ހޭމްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ނުކްލަސް ފުލްކުރޫގްއެވެ.
މިކާމިޔާބީއާއެކު ލެސްޓާ މިހާރުވަނީ އެޓީމު ކުޅުނު 14 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވެސްޓް ހޭމް އުޅެނީ 15 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެެވެ.
މި ނާކާމިޔާބީއާއެކު ވެސްޓް ހޭމްގެ ކޯޗު ހޫލެން ލޮޕެޓެގޫއަށް އޮތް ޕްރެޝާ މިހާރު މިވަނީ އިތުރަށް ބޮޑުވެފައެވެ. އެންމެ ފަހުން ވެސްޓް ހޭމް ކުޅުނު 12 މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވުމުން ސަޕޯޓަރުންވެސް ވަނީ މެޗަށްފަހު އެފަރާތްތަކުގެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ލޮޕެޓެގޫ މެޗަށްފަހު ބުނީ މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނީ ކަމަށެވެ.
މިމުބާރާތުގައި ކްރިސްޓަލް ޕެލަސް އާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޕެލަސްއެވެ. މިއީ މިސީޒަންގައި ލީގުގައި އެޓީމަށް ރަށުން ބޭރުގައި ކާމިޔާބީ ލިބުނު ފުރަތަމަ މެޗެވެ.
މި މެޗުގައި އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޖޮން ފިލީޕޭ މަޓޭޓާއެވެ. މިކާމިޔާބީއާއެކު ޕެލަސް އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ. އަދި އިޕްސްވިޗް އުޅެނީ ނުވަ ޕޮއިންޓާއެކު 19 ވަނައިގައެވެ.