މިއަދު އެއްކޮށް މުޅި ރާއްޖެ ހުދު ސަމާލުގައި، އަދިވެސް ކަނޑު މަޑެއް ނުވޭ!

ވިއްސާރަވެ ކަނޑުގަދަވުން: މިރޭވެސް ކަނޑު ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ ގިިނަ ވަގުތު މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައި ވާއިރު، ކަނޑުތައް އަދިވެސް މަޑު ނުވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ބުނެފިއެވެ.

މެޓު އޮފީހުން ވަނީ މިއަދު ފަތިހު 04:40 އިން ހެނދުނު 10:15އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. އެއަށްފަހު، 10:00 އިން 15:00 އަނެއްކާ ވެސް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރުނެވެ. 15:00ގެ ފަހުން މެޓުން ވަނީ އަނެއްކާ ވެސް މުޅި ރާއްޖެއަށް ނެރުން ހުދު ސަމަލުގެ މުއްދަތު ދިގު ދަންމާފައެވެ. އެގޮތުން މިހާރު މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭގެ 10:00އާ ހަމައަށެވެ.

މިއަދު ހުދު ސަމާލު ނެރެފައި ވަނީ މައިގަނޑު ގޮތެއްގައި ވައި ގަދަވެ ކަނޑުތައް ގަދަވުމާ ގުޅިގެންނެވެ.

މެޓު އޮފީހުން ބުނީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް މިރޭ ވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓުން މިއަދު ލަފާ ކޮށްފައިވާގޮތުގައި މިރޭ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ބެލެވެނީ ދެކުނުގެ އެކި ހިސާބުތަކަށެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް، އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި އަށް ފޫޓާ ދެމެދުގައި ކަމަށް ލަފާކޮށްފައި ވާއިރު، މުޅި ރާއްޖެއަށް ވެސް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު، އެންމެ ގިނައިން ވާރޭވެހިފައި ވަނީ ގދ. ކާޑެއްދޫއަށެވެ. އެރަށަށް 24.1 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.

ކަނޑުގަދަވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މެޓު އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް އެ އިދާރާއިން އަބަދު ވެސް އިލްތިމާސް ކުރެއެވެ.

މީގެ ހަފުތާއެއް ކުރިންވެސް ވަނީ ރާއްޖެއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހިފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވާން އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް