ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، ޖަޕާން ގެ މައްޗަށް އިގުތިސާދީ ގޮތުން އިންޑިއާ ކުރިހޯދާނެ

ވޮޝިންޓަން (2 ޑިސެންބަރު 2024) : އިންޑިއާގެ އިގުތިސާދު ކުރިއަރަމުންދާ ބާރު މިނަށް ބަލާއިރު ކުރިޔަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ޖަޕާން ފަހަތަށް ޖައްސައި ދުނިޔޭގެ ތިންވަނަ އިގުތިސާދުގެ މަގާމު އިންޑިއާ ހޯދާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލާފާކޮށްފިއެވެ.

އައިއެމްއެފް ބުނާގޮތުން އިންޑިއާގެ އިގުތިސާދީ ދުވެލި ބާރަށް ކުރިޔަށް ދިޔުމުގައި އިންޑިއާގެ މެދުފަންތީގެ އާބާދީ ބޮޑުވަމުން ދިޔުން ހިމެނެއެވެ. ފަގީރުންގެ ތެރޭގައި ހިމެނޭ ގިނަ ބަޔަކު ކިޔަވައި ވަޒީފާ ހޯދައިގެން މެދުފަންތީގެ ދިރިއުޅުކަމަށް ދާކަން ފާހަގަކުރެއެވެ. މިފަދަ ޒުވާނުންނަށް ފަންނީ އަދި ސިނާއީ ތަމްރީންތައް ދީ ގެން އެމީހުން ލައްވައި ކުޑަ މުސާރައެއްގައި ސިނާއީ މަސައްކަތްތައް ކުރުމުގެ މާހައުލު އިންޑިއާގައި ފަހިވެފައި އޮތުން ހިމެނެއެވެ.

މިކަމުގެ ސަބަބުން ބޭރުގެ ކުންފުނިތައް އިންޑިއާގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވެއެވެ. އެއީ އިންޑިއާގެ އިގުތިސާދީ ދުވެލި ހަލުއިވުމުގެ މައިގަނޑު ސަބަބުކަން އައިއެމްއެފް އިން ފާހަގަ ކުރެއެވެ. މީގެއިތުުރުން ގިނަ ބާވަތްތަކެއްގެ ރޯ މެޓީިރިއަލް ހެޔޮއަގުގައި އިންޑިއާ އިން ލިބެން ހުުރުންވެސް ހިމެނެއެވެ.

އިންޑިއާގެ އިގުތިސާދީ ދުވެލި ހަލުއިވުމުގައި އެގައުމުގައި ކުރިއަރަމުންދާ ޑިޖިޓަލް ޓެކްނޮލޮޖީ ގެ ސެކްޓަރު ހިމެނެއެވެ. އަދި ކުދި ވިޔަފާރިތަކަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކާއި އިންޑިއާގެ ބޮޑެތި ކުންފުނިތައް ރިސްކް ނަގައިގެން ބޮޑެތި މަޝްރޫއުތައް އިންޑިއާ ގެ އިތުރުން ބޭރު ގައުމުތަކުގައި ހިންގާ މިންވަރު އިތުރުވުން ވެސް ހިމެނެއެވެ.

އިންޑިއާގެ ލޭބަރުންގެ މުސާރަތައް ކުޑަކަމުން ބޭރުގެ ކުންފުނިތައް އިންޑިއާގައި އިންވެސްޓް ކުރާ މިންވަރު އިތުރުވެ އިންޑިއާގެ ގިނަ ބަޔަކަށް ވަޒީފާ ލިބެއެވެ. މިކަމުގެ ސަބަބުން ފަގީރުކަން ކުޑަވެ ޕާޗޭސިން ޕަވާ މައްޗަށް ދިޔުން ހިމެނޭކަމަށް އައިއެމްއެފް ބުނެއެވެ.

އިންޑިއާގެ މިހާރުގެ ޖީޑީޕީ ނުވަތަ ގައުމީ އާންދަނީ އަކީ ގާތްގަނޑަކަށް 3.6 ޓްރިލިޔަން ޑޮލަރުގެ މިންވަރެވެ. ޖަޕާނުގެ ޖީޑީޕީ ނުވަތަ ގައުމީ އާންދަނީ އަކީ ގާތްގަނޑަކަށް 4.2 ޓްރިލިޔަން ޑޮލަރުގެ މިންވަރެވެ.

ޖަޕާނުގެ އިގުތިސާދީ ދުވެއްޔަށް ވުރެ އިންޑިއާގެ އިގުތިސާދީ ދުވެލި ބާރުކަމުން ކުރިޔަށް އޮތް ދެއަހަރު ތެރޭގައި ޖަޕާނުގެ އިގުތިސާދާ އިންޑިއާ އަރައި ހަމަކުރާނެކަމަށް އައިއެމްއެފް ލަފާކުރެއެވެ. އަދި އޭގެ ހައެއްކަ މަސްފަހުން ޖަޕާން ފަހަތަށް ޖައްސާލައި ދުނިޔޭގެ ތިންވަނަ އިގްތިސާދުގެ މަގާމު އިންޑިއާ ހޯދާނެކަމަށް ވެސް އައިއެމްއެފްގެ ތަޖުރިބާކާރުން ލަފާކުރެއެވެ.

ޖަޕާނުގެ އިގްތިސާދު އަހަރުން އަހަރަށް ދަނީ ދަށަށެވެ. ޖަޕާނުގެ އިގުތިސާދު ދަށަށްދާ މައިގަނޑު ސަބަބަކީ އެގައުމުގައި މަސައްކަތްކުރާ އުމުރުގެ އާބާދީ މަދުވަމުން ދިޔުމެވެ. ވިހާ ރޭޓް ޖަޕާނުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތާ ވިއްސަކަށް އަހަރުވެފައިވާއިރު މަސައްކަތްކުރާ އުމުރުގެ ޒުވާނުންގެ ނިސްބަތް ފާހަގަ ކޮށްލެވޭ ވަރަށް ޖަޕާނުގައި ވަނީ މަދުވެފައެވެ.

ޖަޕާނަކީ އެހެން ގައުމުތަކުގެ މީހުން އެގައުމަށް ހިޖުރަކޮށްގެން ދިރިއުޅުމުގެ ފުރުސަތު ދޭ ގައުމެއް ނޫނެވެ. އެހެންކަމުން އާބާދީ ދަށަށްދާ މައްސަލަ ހައްލުކުރެވޭނެ ގޮތެެއް އަދި ނެތެވެ. މީގެއިތުރުން ޖަޕާނުގައި މުސްކުޅި އާބާދީ އިތުރުވުމަކީވެސް އެގައުމުގެ އިގުތިސާދު ތަހައްމަލް ކުރަންޖެހިފައިވާ ބޮޑު ބުރައެކެވެ.

2027ވަނަ އަހަރުގެ މެދެއްހާ ހިސާބު ދުނިޔޭގެ ތިންވަނަ އިގުތިސާދުގެ މަގާމު އިންޑިއާ ހޯދާނެކަމަށް ލަފާކުރި ނަމަވެސް ދުނިޔޭގެ ދެވަނަ އިގުތިސާދު ކަމަށްވާ ޗައިނާއާއި އިންޑިއާއާ ދެމެދު ގައުމީ އާމްދަނީ ނުވަތަ ޖީޑީޕީގެ ފަރަގު ވަރަށް ބޮޑުވާނެއެވެ. އެފަރަގު އިންތިހާއަށް ބޮޑުކަމުން އެކަން ކުޑަކޮށްލުމަކީ ކައިރި މުސްތަގްބަލެއްގައި އިންޑިއާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އޭގެ ސަބަބުތައް ވަރަށް ގިނައެވެ.

ޗައިނާގެ އިގުތިސާދަކީ ގާތްގަނޑަކަށް 18 ޓްރިލިޔަން ޑޮލަރުގެ އިގުތިސާދެކެވެ. ދުނިޔޭގެ ދެވަނަ އިގުސާދަކީ ޗައިނާގެ އިގުތިސާދެވެ. އެއްވަނަ އިގުތިސާދަކީ އެމެރިކާއެވެ. އެއީ 26 ޓްރިލިޔަން ޑޮލަރުގެ އިގުތިސާދެކެވެ.

އެމެރިކާގެ އިގުތިސާދާ އަރައި ހަމަކުރަން ޗައިނާއަށް ދަތިވާ މައިގަނޑު ސަބަބަކީ ދުނިޔޭގެ ރިޒާވް ފައިސާ އެއްގެ ގޮތުގައި އެމެރިކާ ޑޮލަރު އޮންނާތީއެވެ. އަދި ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތްތަކުގެ ގާތްގަނޑަކަށް 75 އިންސައްތަ ކުރަނީ އެމެރިކާ ޑޮލަރު ބޭނުންކޮށްގެން ކަމަށްވާތީ އެކަމުން އެމެރިކާއަށް ލިބޭ އާދަޔާ ޚިލާފު ފައިދާ ތަކުގެ ސަބަބުންނެވެ.

ޗައިނާއަކީ އުފެއްދުންތެރިކަމަށް ބަލާއިރު އެމެރިކާއަށް ވުރެ މާބޮޑަށް ކުރިއަރާފައިވާ ގައުމެކެވެ. ޗައިނާގައި ހުރިހާ ތަކެއްޗެއް އުފައްދައެވެ. ކުދި ސިނާއަތްތަކާއި ބަރު ސިނާއަތްތަކެވެ. ނަމަވެސް އެމެރިކާގައި އުފައްދަނީ މައިގަނޑު ގޮތެއްގައި މަތިންދާ ބޯޓު އުފެއްދުންފަދަ ބަރު ސިނާއަތްތަކެވެ. މީގެއިތުރުން ޖިޑިޓަލް ސެކްޓަރުގެ ސިނާއަތްތަކާއި ހަތިޔާރުގެ ސިނާއަތް ތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު