ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި މެޓާއިން އަމިއްލައަށް ކަނޑުއަޑީގެ ފައިބަ އޮޕްޓިކް ކޭބަލެއް އެޅުމަށް ނިންމައިފިއެވެ.
މިއީ މެޓާއިން މުޅިން އަމިއްލައަށް އަޅާ ފުރަތަމަ ކަނޑުއަޑީގެ ކޭބަލް ކަމަށްވާއިރު، މި މަޝްރޫޢު ރޭވިފައިވަނީ ކުންފުނީގެ ދެކުނު އެފްރިކާގެ އޮޕަރޭޝަނުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މެޓާގެ އިންފްރާސްޓްރަކްޗަ މަސައްކަތްތައް ބަލަހައްޓަނީ ކުންފުނީގެ ގްލޯބަލް އިންފްރާސްޓްރަކްޗަރގެ އިސްވެރިޔާ އަދި އިންޖިނިއަރިންގގެ ބައިގެ އެއް އިސްވެރިޔާ ކަމަށްވާ ސަންތޯޝް ޖަނާދަންއެވެ.
މެޓާގެ އިންފްރާސްޓްރަކްޗަ ރާވައި ހިންގުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓީމުތައް މަސައްކަތްކުރަމުންދާއިރު، މީގެ ކުރިން ވެސް މި ދާއިރާގެ ފާހަގަކޮށްލެވޭ ފަރާތްތަކެއް މެޓާގައި މަސައްކަތްކޮށްފައިވެއެވެ.
ފާއިތުވި 40 އަހަރު ވަންދެން ކަނޑުއަޑީގެ ފައިބަ އޮޕްޓިކް ކޭބަލްތަކަކީ މުވާސަލާތީ އިންފްރާސްޓްރަކްޗަގެ މުހިންމު ބައެކެވެ. ނަމަވެސް މިފަހަރު ފާހަގަކޮށްލެވެނީ މިފަދަ ކޭބަލެއް އެޅުމަށް އިންވެސްޓްކޮށް، އޭގެ މިލްކުވެރިކަން ހޯދަން އުޅެނީ ކޮން ފަރާތަކުންކަމާއި، އެކަން ކުރަން އުޅޭ ބޭނުމެވެ.
މެޓާގެ މި ޕްލޭނުން ދައްކުވައިދެނީ ފާއިތުވި އަހަރުތަކުގައި ކަނޑުއަޑީގެ ނެޓްވޯކްތަކުގެ އިންވެސްޓްމަންޓާއި މިލްކުވެރިކަން ބަދަލުވެފައިވާ ގޮތެވެ. ކުރިން މިފަދަ ކޭބަލްތައް އަޅަމުން އައީ ޓެލެކޮމް ކެރިއަރުތައް ހިމެނޭ ކޮންސޯޓިއަމްތަކުން ކަމުގައިވީ ނަމަވެސް، މިހާރު ބޮޑެތި ޓެކް ޖަޔަންޓުން ވެސް މިކަމުގައި ބައިވެރިވަމުންދެއެވެ.
މެޓާއަކީ ކަނޑުއަޑީގެ ކޭބަލްތަކުގެ ދާއިރާއަށް އަލަށް ވަދެވުނު ފަރާތެއް ނޫނެވެ. ޓެލެކޮމް އެނަލިސްޓުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެޓާއަކީ މިހާރު ވެސް ކަނޑުއަޑީގެ 16 ނެޓްވޯކެއްގެ ބައިވެރިވާ މިލްކުވެރިއެކެވެ.
މީގެ ތެރޭގައި އެފްރިކާ ބައްރު ވަށައިގެން އަޅާފައިވާ އެފްރިކާ ދެ ކޭބަލް ވެސް ހިމެނެއެވެ. މި ކޭބަލްގެ އެހެން ބައިވެރިންގެ ތެރޭގައި އޮރެންޖް، ވޯޑާފޯން، ޗައިނާ މޮބައިލް އަދި ބަޔޯބާބް/އެމްޓީއެން ފަދަ ކެރިއަރތައް ހިމެނެއެވެ.
މި އައު މަޝްރޫޢާއެކު މެޓާ ހިމެނިގެންދާނީ ގޫގުލްއާ އެއް ފަންތިއެއްގައެވެ. ޓެލެޖިއޮގްރަފީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގޫގުލްއަކީ ކަނޑުއަޑީގެ 33 ނެޓްވޯކެއްގައި ހިއްސާވާ ފަރާތެކެވެ. މީގެ ތެރޭގައި ގޫގުލްއިން އަމިއްލައަށް މިލްކުކުރާ ސަރަޙައްދީ މަޝްރޫޢުތަކެއް ވެސް ހިމެނެއެވެ.
މީގެ އިތުރުން އެމެޒޯން އަދި މައިކްރޯސޮފްޓް ފަދަ އެހެން ބޮޑެތި ޓެކް ކުންފުނިތަކަކީ ވެސް ކަނޑުއަޑީގެ ކޭބަލްތަކުގެ ބައިވެރިވާ މިލްކުވެރިން ނުވަތަ ކެޕޭސިޓީ ގަންނަ ފަރާތްތަކެވެ. ނަމަވެސް މި ދެ ކުންފުންޏަކުން އަދި އެއްވެސް ނެޓްވޯކެއްގެ މުޅި މިލްކުވެރިކަން ހޯދާފައެއް ނުވެއެވެ.