މާލޭގެ އެއްވެސް ތަނެއްގައި ހުއްދައާ ނުލައި ޕޯސްޓަރު ނުހިއްޕޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޕޯސްޓަރު ހިއްޕޭނޭ ވަކި ތަންތަން ސިޓީ ކައުންސިލުން ފާހަގަކޮށް އެކަން ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ކަރަންޓު ބޯޑުތައް ސާފުކުރުމަށް ފެށި "ޗާލުވެށި މަގޭ ޒިންމާ" މަޝްރޫއު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވަނީ ސްޓެލްކޯގެ ކަރަންޓު ފޮށިތަކުގައި ސިޔާސީ ޕޯސްޓަރުތައް ހަރުކުރާކަން ފާހަގަކުރައްވައި އެކަން ނުކުރުމަށް އިލްތިމާސްކުރައްވައިފައެވެ.
އާންމުކޮށް ހަމަ ސިޔާސީ އެންމެންގެ ފޮޓޯތައް އެހެރީ ގާތްގަނޑަކަށް ހިއްޕިފައި މިހާރު އެ އެއްޗެހީގައި އެހުރީ. އަނެއްކާވެސް ކޮންމެ ކެމްޕެއިނެއްގެ ތެރޭގައި ވެސް ސިޔާސީ މީހުންގެ ފޮޓޯތައް ފެނިގެންދާނެ. އެހެންވީމަ އަޅުގަނޑު ހަމަ އެދެން ހުރިހާ ސިޔާސީ ފަރާތްތަކުންވެސް އަދި އެހެން ފަރާތްތަކުންވެސް އެއްގޮތަކަށްވެސް ސްޓެލްކޯގެ ފޮށިތަކުގައި އެއްްވެސް އެއްޗެއް ނުހިއްޕުމަށް. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
އާޒިމް ވިދާޅުވީ ވަރަށް މުހިންމު ޚިދުމަތަކާ ގުޅުންހުރި ކަރަންޓު ބޯޑުތައް ހަޑިކޮށް ހުރުމަކީ ނުވަތަ ބޯޑެއް ބޭނުންނުކުރެވުމަކީ އެންމެންނަށްވެސް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ.
މިކަންކަން ފާހަގަކުރެވި މާލެ ސިޓީ ކައުންސިލުންވެސް މިހާރު ޕްރޮގްރާމެއް ފެށުމަށް ރާވާފައި ވާކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.
"މާލޭގެ އެއްވެސް ތަނެއްގައި ޕޯސްޓަރު ނުހިއްޕޭ ގޮތަށް ހަދަން އަޅުގަނޑުމެން މަސައްކަތްތަކެއް އެބަކުރަން. އޭގެ ބަދަލުގައި ޕޯސްޓަރު ހިއްޕޭނެ ވަކި ތަންތަން އަޅުގަނޑުމެން ފާހަގަކޮށް އެކަމަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގުމުގެ މަސައްކަތް ކުރަން،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނުގައި މާލޭގައި ހުންނަ ސަރުކާރުގެ އޮފީސްތަކުގައިއާއި މީހުންގެ ގޭގޭގައި އެއްވެސްކަހަލަ ހުއްދައެއް ހޯދުމެއްނެތި އެއްޗެހި ހިއްޕުމުގެ ކަންކަން ހުޓާލުމަކީ މުހިންމު ކަމެއް ކަމުގައި އާޒިމް ވިދާޅުވިއެވެ.