ލުޑޮގޮރެޓްސް ކައިރިން މޮޅުނުވެވި، ލާޒިއޯއަށް ހާސްކަން

ޔުއޭފާ ޔޫރޮޕާ ލީގުގެ ލީގު ފޭސްގައި އެއްވަނައިގައި އޮތް ލާޒިއޯއަށް ލުޑޮގޮރެޓްސް އަތުން މޮޅުނުވެވި، އެއްވަރުވެއްޖެއެވެ.

ލާޒިއޯގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ލާޒިއޯއިން މޮޅަށްކުޅެ ގިނަ ހަމަލާތަކެއް އުފެއްދި މެޗުގައި އެ ޓީމަށް ލުޑޮގޮރެޓްސްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ލުޑޮގޮރެޓްސްއިން މުޅި މެޗުގައިހެން އިސްކަންދީފައިވަނީ ޑިފެންސްކުރުމަށެވެ. މިގޮތުން ލާޒިއޯގެ ގޯލަށް އަމާޒުކޮށް އެ ޓީމަށް އެންމެ ހަމަލާއެއް ވެސް އުފެއްދިފައެއް ނުވެއެވެ.

މެޗު އެއްވަރުވުމާ އެކު ލާޒިއޯގެ ލީޑު މިހާރުވަނީ އެއްކޮށް ގެއްލިގެން ގޮސްފައެވެ. ދެވަނައާއި ތިންވަނައިގައި އުޅޭ އެތުލެޓިކް ބިލްބާއޯއާއި އެއިންޓްރެކްޓް ފްރޭންކްފާޓްވަނީ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. ލާޒިއޯއަށް މިހާރު ލިބިފައިވަނީ ފަސް މެޗުން 13 ޕޮއިންޓެވެ. ލިޑޮގޮރެޓްސް އޮތީ ދެ ޕޮއިންޓާ އެކު 33 ވަނައިގައެވެ.

މި މުބާރާތުގައި އެންޑަލެކްޓާއި އެފްސީ ޕޯޓޯ ބައްދަލުކުރި މެޗު 2-2 އިން ވީ އެއްވަރެވެ.

އެންޑަލެކްޓްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް ލީޑު ނަގައިފާވަނީ ޕޯޓޯއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަލޭނޯއެވެ. މެޗުގައި އެންޑަލެކްޓްގެ ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ޓްރިސްޓާން ޑެގްރޫފް ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރަންސިސް އަމާޒޫއެވެ. މެޗުގައި ޕޯޓޯގެ ދެވަނަ ލަނޑު އަމާޒޫ ލަނޑު ޖެހުމުގެ ތިން މިނެޓު ކުރިން ކާމިޔާބުކޮށްދިނީ ފަބިއޯ ވިއެއިރާއެވެ.

މެޗު އެއްވަރުވުމާ އެކު އެންޑަލެކްޓް އޮތީ 11 ޕޮއިންޓާ އެކު ފަސްވަނައިގަައެވެ. ޕޯޓޯ އޮތީ ފަސް ޕޮއިންޓާ އެކު 23 ވަނައިގައެވެ.

comment ކޮމެންޓް